8000 އަށް ވުރެ ގިނަ ދަރިވަރުންނާއެކު މިއަހަރު ރާއްޖޭގައި ބާއްވާ ކޭމްބްރިޖް އޯލެވެލް އަދި އެޗްއެސްސީ އިމްތިހާނު މިއަދު ފަށައިފިއެވެ.
ގްރޭޑް 10 ނިންމާ ދަރިވަރުން ހަދާ މި މުހިންމު އިމްތިހާނު ކުރިއަށް ދާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަންނަ ނޮވެންބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިއަހަރުގެ އިމްތިހާނުގައި އޯލެވެލް އިމްތިހާނުގައި ޖުމްލަ 8,111 ދަރިވަރުން ބައިވެރިވާއިރު، އެޗްއެސްސީ (އިސްލާމާއި ދިވެހި) އިމްތިހާނުގައި 7,776 ދަރިވަރުން ބައިވެރިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
މުޅި ރާއްޖެ ހިމެނޭހެން ގިނަ ސެންޓަރުތަކެއްގައި މި އިމްތިހާނު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލެ ސަރަހައްދުގެ 25 ސެންޓަރެއްގައި އަދި އަތޮޅުތަކުގެ ރަށްރަށުގައި ގާއިމުކޮށްފައިވާ 242 ސެންޓަރުގައި އިމްތިހާނު ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދު ފެށި މި އިމްތިހާނުގައި ދަރިވަރުން އެންމެ ފުރަތަމަ ހަދާނީ އެޗްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރެވެ.
މި އިމްތިހާނާ ދިމާކޮށް އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓްވީޓެއްގައި ދަރިވަރުންނަށް ކާމިޔާބީ އަށް އެދިފައި ވެއެވެ.
