އިންޑޮނީޝިއާގެ ލޮމްބޮކް ޖަޒީރާގައި ހުންނަ އިސްލާމީ ބޯޑިންގ ސްކޫލެއްގެ ހެޑް ޓީޗަރަކު ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އިންސާފު ހޯދަން މަސައްކަތްކުރި ދެ ދަރިވަރަކު ކައިވެނިކޮށްފިއެވެ. އެ ސްކޫލުގެ ކުރީގެ ދަރިވަރުންތަކެއް ކަމަށްވާ ޔުސްރޮން އާއި ޒިޔާ ވަނީ އަމިއްލައަށް ހެކި އެއްކުރުމަށްފަހު ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ.
އަބޫ ބަރޮކާތު ސްކޫލުގެ އިސްވެރިޔާ އަހުމަދު އީމާނުއްދީން ސުމާރު (އާންމު ނަމުން ނަމަ 'އަބާ') ގެ މައްޗަށް މި ތުހުމަތުތައް ފެންމަތިކުރީ އެ ސްކޫލުގައި ކުރިން ކިޔެވި ދެ ދަރިވަރުން ކަމަށްވާ ޔުސްރޮން އައްޒާހިދީ އާއި ޒިޔާދަތުއް ރަހްމާ (ޒިޔާ) އެވެ. ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލަ ތަހުގީގުކުރަން ޔުސްރޮން ފެށީ، އުމުރުން 16 އަހަރުގައި އަބާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް ޒިޔާ ކިޔައިދިނުމާ ގުޅިގެންނެވެ.
ޒިޔާ ބުނި ގޮތުގައި، ފާހާނާއަށް ދާން ނުކުތް ވަގުތެއްގައި އަބާ ވަނީ އޭނާ ހުއްޓުވައި، ސްކޫލު ގޯތިތެރޭގައި ހުންނަ އަބާގެ ގެއަށް ގެންގޮސްފައެވެ. އަދި އެ ގޭތެރޭގައި އޭނާއަށް ޖިންސީ ގޯނާކުރި ކަމަށް ޒިޔާ ބުނެފައިވެއެވެ. މި ހާދިސާއަށްފަހު ޔުސްރޮން އާއި ޒިޔާ ވަނީ އެހެން ދަރިވަރުންނާ ވާހަކަދައްކައި، އިތުރު ހެކި ހޯދަން ފަށާފައެވެ.
މިގޮތުން އެއްކުރި މައުލޫމާތުގެ ތެރެއިން، ސުކްމާ ރޮހާނާ ނަމަކަށް ކިޔާ އެހެން ދަރިވަރަކަށް ވެސް އަބާ ޖިންސީ ގޯނާކުރަން މަސައްކަތްކުރިކަން ހާމަވިއެވެ. ސުކްމާ ބީބީސީއަށް ކިޔައިދިން ގޮތުގައި، އޭނާގެ އުމުރުން 17 އަހަރުގައި އަބާގެ ގެއަށް ގެންގޮސް ގަދަކަމުން ޖިންސީ ގޯނާކުރަން އުޅުމުން، އޭނާ ސަލާމަތްވީ އަބާގެ ބަނޑުގައި ޖެހުމަށްފަހު ފިލައިގެން ގޮސްގެންނެވެ.
ހަ ދަރިވަރެއްގެ ފަރާތުން ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް ޔުސްރޮން ވަނީ ހަތް ސަފުހާގެ ރިޕޯޓެއް ތައްޔާރުކޮށްފައެވެ. އަދި އެ ސްކޫލު ހިންގާ ޖަމިއްޔާ ކަމަށްވާ ނަހްދަތުލް ވަތަން ދީނިއްޔާ އިސްލާމިއްޔާ (އެންޑަބްލިއުޑީއައި) ގެ މަންދޫބުންނާ ބައްދަލުކޮށް މި މައްސަލަ ހުށަހެޅިއެވެ. އެ ޖަމިއްޔާއިން ފުލުހުންނަށް މައްސަލަ ހުށަހަޅަން އެހީތެރިވާނެ ކަމަށް ބުނި ނަމަވެސް، ފަހުން އެ ރިޕޯޓު ވަނީ އަބާއަށް ލީކުކޮށްލާފައި ކަމަށް ޔުސްރޮން ބުނެފައިވެއެވެ.
ރިޕޯޓު ލީކުވުމާއެކު އަބާ ވަނީ ޔުސްރޮން އާއި ޒިޔާއަށް ގުޅައި، މައްސަލަ ސިއްރުކޮށްދިނުމަށް އެދިފައެވެ. ޔުސްރޮން ރެކޯޑުކޮށްފައިވާ ފޯނު ކޯލެއްގައި، މީޑިއާއަށް މިކަން ތިލަވެއްޖެނަމަ އޭނާ ބަރުބާދުވާނެ ކަމަށް ބުނެ އަބާ އާދޭސްކުރާ އަޑު އިވެއެވެ. އަދި ޒިޔާއަށް ގުޅައި، އޭނާއަށް ގޯނާކުރިކަމަށް އެއްބަސްވެ، އެކަން ސިއްރުކުރުމަށް ވެސް އަބާ އެދުނު ކަމަށް ޒިޔާ ބުނެފައިވެއެވެ.
މީގެ އިތުރުން، ސުކްމާ ބުނި ގޮތުގައި އޭނާ އަބާގެ ގެއަށް ގެންގޮސް، ފުލުހުންގެ ދެ މީހަކާއި އެންޑަބްލިއުޑީއައިގެ ވަކީލަކު މެދުވެރިކޮށް، އޭނާގެ ތުހުމަތުތަކަކީ ދޮގެއް ކަމަށް ބުނެ ލިޔުމެއްގައި ސޮއިކުރުވިއެވެ. އަދި އަބާގެ އަނބިމީހާ ހުރުމިއާޓީ ވެސް ވަނީ ސުކްމާއަށް ބިރުދައްކައި، މައްސަލަ ކުރިއަށް ގެންގޮސްފިނަމަ އޭނާގެ މުސްތަގުބަލަށް ގެއްލުންވާނެ ކަމަށް ބުނެފައެވެ.
މި ފިއްތުންތަކާ ހުރެ ޔުސްރޮންގެ އާއިލާއަށް ވެސް ނުތަނަވަސްކަމާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް، އިސްލާމީ ސްކޫލުތަކުގައި ހިނގާ ޖިންސީ ގޯނާގެ މައްސަލަތަކާ ދެކޮޅަށް މަސައްކަތްކުރާ އަންހެނެއް ކަމަށްވާ އާޔޫ މަސްރުރޯއާ ބައްދަލުވުމުން، ޔުސްރޮން އާއި ޒިޔާ އަލުން މަސައްކަތް ފެށިއެވެ. ޒިޔާ އިންސްޓަގްރާމްގައި ކުރި ޕޯސްޓަކާ ގުޅިގެން، އަބާގެ ފަރާތުން ގޯނާ ލިބުނު އިތުރު ކުއްޖަކު ވަނީ އެ މީހުންނާ ގުޅިފައެވެ. މި ހާދިސާ ހިނގާފައިވަނީ އަބާ އެކަން ތަކުރާރު ނުކުރާނެ ކަމަށް ބުނެ ޔުސްރޮން އާއި ޒިޔާއަށް ވައުދުވި ފަހުން ކަމަށް ޒިޔާ ބުނެފައިވެއެވެ.
އާޔޫގެ ލަފާގެ މަތިން އެ މީހުން ވަނީ ޖިންސީ ގޯނާގެ މައްސަލަތަކުގައި ތަޖުރިބާކާރު ވަކީލެއް ކަމަށްވާ ޖޯކޯ ޖުމާޑީގެ އެހީތެރިކަން ހޯދާފައެވެ. ވަކީލުގެ އެހީތެރިކަމާއެކު، ސުކްމާ ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ. ނަމަވެސް ފުލުހުން އަދިވެސް ފިޔަވަޅެއް އަޅާފައިނުވާއިރު، އަބާ އަދިވެސް ހުރީ އޭނާގެ މަގާމުގައެވެ. އެންޑަބްލިއުޑީއައި އިން ބީބީސީއަށް ބުނެފައިވަނީ އެ ޖަމިއްޔާއިން މައްސަލަ ފޮރުވަން މަސައްކަތްކޮށްފައި ނުވާނެ ކަމަށާއި، އެކަން އެތެރޭގެ ތަހުގީގަކުން ބަލަމުންދާ ކަމަށެވެ.
މި މައްސަލައިގައި އިންސާފު ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން ޔުސްރޮން އާއި ޒިޔާގެ ގުޅުން ބަދަހިވެ، މިދިޔަ މަހު އެ ދެ މީހުން ވަނީ ކައިވެނިކޮށްފައެވެ. ވަކީލު ޖޯކޯ ޖުމާޑީ ފާހަގަކުރި ގޮތުގައި، ދަރިވަރުން ސިއްރުން ރެކޯޑުކޮށްފައިވާ އޯޑިއޯތަކަކީ މި މައްސަލައިގެ ވަރަށް މުހިންމު ހެކިތަކެކެވެ. އަދި ފާއިތުވި ތިން އަހަރުގެ ތެރޭގައި އެ ސަރަހައްދުގެ އިސްލާމީ ބޯޑިންގ ސްކޫލުތަކާ ގުޅޭ ޖިންސީ ގޯނާގެ 20 މައްސަލައެއް އޭނާގެ ޓީމުން ބަލާފައިވާ ކަމަށް ޖޯކޯ ބުނެފައިވެއެވެ.
