އިދިކޮޅު އެމްޑީޕީން ވަކިވެ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއާ ގުޅުނު ބައެއް މަޖިލީސް މެންބަރުން، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ފަރާތުން ވާދަކުރުމަށް ޕްރައިމަރީއަކާ ނުލާ ޓިކެޓު ދިނުމުށް އެދިފައިވާކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީއަށް ނިސްބަތްވާ 13 މަޖިލީސް މެންބަރުން ވަނީ މިދިޔަ ޑިސެމްބަރުމަހުގެ 28 ވަނަ ދުވަހު އެ ޕާޓީން ވަކިވެ ޕީއެންސީ އާއި ގުޅިވަޑައިގެންފައެވެ.

އެމްޑީޕީއިން މެންބަރުން ވަކިވުމާ ގުޅޭ ގޮތުން ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ ޕާޓީ ދޫކުރައްވައި ދާންޖެހޭ ވަރުގެ އެއްވެސް ކަންބޮޑުވުމެއް އެ މެންބަރުންގެ ފަރާތުން ހުށަހަޅުއްވައިފައިނުވާ ކަމަށެވެ. އެހެންނަމަވެސް މަޖިލިސް އިންތިޚާހާބަށް ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން އެ ފަރާތްތަކުން ޝަރުތުކުރިކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ މި ވަގުތު އެމްޑީޕީގެ އަސާސީ ގަވައިދަކުން އެގޮތަށް އެކަން ކުރުމަށް އެއްވެސް ޖާގައެއް ނުދޭ ކަމަށާއި އަދި އެއީ ދުނިޔޭގައި ޑިމޮކްރެސީ އެންމެ ބޮޑެތި ގައުމުތަކުގައި ވެސް ކަންކުރަމުންދާ ގޮތް ނޫންކަމަށެވެ. "ވަގުތު އަޅުގަނޑަށް ކުރެވޭނެ ހަމައެކަނި ކަމަކީ ކުރިމަތިލައިފައި ތިބި މީހުންގެ ތެރެއިން ވާހަކަދައްކައިގެން އެކައްޗަކަށް ހަދައިގެން މަދުކުރެވޭތޯ ބެލުން. އެ ނޫން ގޮތެއް ނެތް" ފައްޔާޒު ވިދާޅުވިއެވެ.

ޕްރައިމަރީއަކާ ނުލާ މަޖިލީސް ޓިކެޓް ހޯއްދެވުމަށް މެންބަރުން ހުށަހެޅި ހުށަހެޅުމުގައި ރަނގަޅު ކަންތައްތަކެއްވެސް ހުރިކަން ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޕާޓީގެ އަސާސީ ގަވައިދަށް އިސްލާހު ހުށަހަޅައި، ޕާޓީގައި ތިބެ ދައުރު ފުރިހަމަކުރާ މެންބަރުންނަށް ކޮންމެވެސް ކަހަލަ ޕޮއިންޓެއް ޕްރައިމަރީގައި ލިބޭގޮތް ހެދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.