މި ހިނގާ 2024 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ފުލުހުންގެ މުސާރަ ބޮޑު ކުރާނެ ކަމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވެއްޖެއެވެ.

ޝިފާން މިރޭ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވެފައި ވަނީ ފުލުހުންގެ މުސާރަ ބޮޑުކޮށްދެވެން ނެތް ކަން އަންގާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޝިފާން ވިދާޅުވީ މި އަހަރުގެ މާރިޗު 1 އިން ފެށިގެން ފުލުހުންގެ މުސާރަ ބޮޑުކުރެވޭނެކަން ފިނޭންސް މިނިސްޓްރީން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ. އަދި ހަމައެފަދައިން ސިފައިންގެ މުސާރަވެސް މާޗް 1 ވަނަ ދުވަހުން ފެށިގެން ބޮޑު ކުރާނެ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައި ވެއެވެ.

ފުލުހުންނާއި ސިފައިންގެ މުސާރަ ދެގުނަ ބޮޑު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންތިހާބީ ވައުދުފުޅެކެވެ. އަދި އެކަން އެގޮތަށް ކުރައްވާނީ ފަސް އަހަރަށް ބަހާލައިގެން ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެގޮތުން 2024 ގައި 35 އިންސައްތަ މުސާރަ ބޮޑުކުރާއިރު 2026 ގައި 35 އިންސައްތަ ބޮޑު ކުރުމުގެ އިތުރުން 2028 ގައި ބާކީ 30 އިންސައްތަ މުސާރަ ބޮޑުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުމަށް ޕޭ ކޮމިޝަނުން މުސާރައިގެ އޮނިގަނޑު އެކުލަވާލައި އެ އިދާރާތަކަށް ފޮނުވާފައި ކަމަށް ބުނެފައި ވަނީ ނިމިދިޔަ ރއީސް ސޯލިހުގެ ސަރުކާރުންނެވެ.