މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ގުދުރަތީ ކަންކަން ހިމެނޭހެން އާ ޑިޒައިންތަކުގެ ފެންހިންދާ ނިޒާމު ބޭނުންވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މި ހަފްތާތެރޭ ރާއްޖެއަށް ކުރި ވިއްސާރައިގައި މާލެ އާއި ރާއްޖޭގެ ގިނަ ރަށްތަކުގައި ފެންބޮޑުވެ، އާންމު ދިރިއުޅުމަށް ބުރޫއަރާފައިވާއިރު މިކަމާ ގުޅިގެން ރައީސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިގޮތިން 'އެކްސް' ގައި ރައީސް ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގެ ފެންހިންދާ ނިޒާމު ފެއިލްވެފައިވާ ކަމަށެވެ. އަދި އެ ނިޒާމު ކުރިއަށް އޮތްތަނުގައި ވެސް ފެއިލްވާނެ ކަމަށް ބެލެވޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ގުދުރަތީ ކަންކަން ހިމެނޭހެން އާ ޑިޒައިންތަކުގެ ފެންހިންދާ ނިޒާމު ބޭނުންވާކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ކުޅިތަކާއި ވެވުތައް މާލެއަށް ގެނައުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު އެމްޑަބްލިއުއެސްސީ އިން ވަނީ މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ސަރުކާރުގެ އިދާރާތަކާ ގުޅިގެންކުރިއަށް ދާ ކަމަށް ބުނެފައެވެ. އެ ގޮތުން އަމީނީ މަގުގައި ގާއިމުކޮށްފައިވާ 4 ޕަމްޕް ސްޓޭޝަނެއްގެ ކެޕޭސިޓީ ދެގުނަ ކުރުމަށް ނިންމަވާފައިވާ ކަމަށާ ކޮންމެ ސްޓޭޝަނެއްގައި ދެ ޕަމްޕް ބަހައްޓައި ފެން ބޭރުކުރާ ގޮތަށް ހެދުމަށް ނިންމާފައިވާކަމަށް އެމްޑަބްލިއުއެސްސީ އިން ވަނީ ބުނެފައެވެ.