ގއ. ނިލަންދޫ ނެރުގެ ދެކުނު ފަރާތު ފަރަށް ބޯޓެއް އަރައިފިއެވެ.

ފުލުހުން ބުނީ ސައުތްލައިން ބޯޓު ގއ. ނިލަންދޫ ނެރުގެ ދެކުނު ފަރާތު ފަރަށް އަރާ، ބޯޓު ފަޅައިގެން ގޮސް ދިޔަވަމުންދާ ކަމުގެ މައުލޫމާތު މިރޭ 8:15 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ މައުލޫމާތު ލިބުމާ ގުޅިގެން ގއ. ވިލިނގިލި ޕޮލިސް ލޯންޗު ޕަންޕެއް ހިފައިގެން ގޮސް ބޯޓަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ ބޯޓު ފަޅައިގެން ގޮސްފައިވާ ތަނުގައި ފިލާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފައި ވާއިރު، ފުލުހުން ވަނީ ކަނޑުދަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލު ކަމެއް ދީފައެވެ.