ރޭ ސިނަމާލެ ބްރިޖުމަތިން ކަނޑަށް ފުންމާލި ބިދޭސީއަކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވެ ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓާ (އެމްއާރުސީސީ) އަށް ލިބިފައިވަނީ ރޭ ދަންވަރު 00:44 ހާއިރުއެވެ. މި ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.

އެ މީހާ ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުން ކުރި މަސައްކަތުން، އެމީހާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައެވެ. އަދި ޑައިވަރުން ވަނީ އެ ސަރަހައްދުން އެ މީހާ ސަލާމަތްކޮށް، އެމްއެންޑީއެފް ކޯސްޓްގާޑްގެ ހާބަރ ކްރާފްޓް ލޯންޗަށް ނަގާފައެވެ.

ކޯސްޓްގާޑުން އެ މީހާ ސަލާމަތްކުރުމަށްފަހު، މިހާރު ވަނީ އިތުރު ތަޙުޤީޤަށާއި ބޭނުންވާ ފިޔަވަޅުތައް އެޅުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައެވެ.