ބާރުގެ ބޭނުން ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ އޭގެ އެންމެ ކުޑަ މިންވަރު ވެސް ފުލުހުން ބޭނުން ނުކުރާނެކަން ރައްޔިތުންނަށް ގަބޫލު ކުރެވެންދެން ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ސީޕީ ޝުޖާއު މިފަދައިން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ސީޕީ ވިދާޅުވީ މި 5 އަހަރު ދުވަހުގެ ތެރޭގައި ފުލުހުންގެ ހިދުމަތް ދިނުމަށް އެކުލަވާލައިފައިވާ އަވަށްޓެރި ފުލުހުންގެ ކޮންސެޕްޓް ރާއްޖޭގެ ހުރިހާ ރަށަކަށް ފެށިގެންދާނެ ކަމަށެވެ. އަދި މަގުމަތީގައި ހުންނަ ފުލުހަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރާ އިންސާނީ ކަރާމާތައް ހުރުމަތްތެރިކޮށް ހިތާ، ބާރުގެ ބޭނުން ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ އޭގެ އެންމެ ކުޑަ މިންވަރު ވެސް ބޭނުން ނުކުރާނެކަން ރައްޔިތުންނަށް ގަބޫލު ކުރެވެންދެން ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޓްރެފިކް މައްސަލައަކީ ވަށާޖެހޭ ހައްލެއް މިހާރު ވެސް ބޭނުންވާ މައްސަލައެއް ކަން ފާހަގަ ކުރައްވާ ސީޕީ ވިދާޅުވީ ސިޓީތަކުގައި ގެންގުޅެވޭނެ އުޅަނދުތަކުގެ އަދަދެއް ކަނޑައަޅަން ޖެހޭ ކަމަށެވެ. އަދި އުޅަނދުތަކުގެ އުމުރާއި ކޮންމެ މީހަކަށް ގިނަވެގެން ރަޖިސްޓްރީ ކުރެވޭނެ އުޅަނދުގެ އަދަދު ވެސް ކަނޑައެޅިފައި އޮންނަން ޖެހޭ ކަމަށެވެ.
ހަމައެއާއެކު ޕާކިން ޒޯންތައް ވެސް އިތުރު ކޮށްގެން މެނުވީ މި މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.
ސީޕީ އިތުރަށް ވިދާޅުވީ ގާތުން ރައްޔިތުންނަށް ހިދުމަތް ދިނުމަށްޓަކައި ބޭސިކް ޕޮލިސް ރަނގަޅު ކުރާނެ ކަމަށެވެ. އެގޮތުން ރައްޔިތުންނާ ގާތުން ހިދުމަތްކުރާ ފުލުހުން ރާއްޖޭގެ އެކި ހިސާބުތަކުން ފެނިގެންދާނެ ކަމަށާއި ފައި މަގުގައި ޕެޓްރޯލުކުރާ ފުލުހުން އިތުރުވެގެން ދާނެ ކަމަށް ވިދާޅުވިއެވެ. އޭގެ ނަތީޖާ އަކަށް ވެގެންދާނީ މުޖްތަމައުގައި ކުށް ކުރާ މިންވަރު މަދުވެ، ރައްޔިތުންނަށް އަމާންކަން އިހުސާސު ކުރެވުން ކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ބޭސިކް ޕޮލިސިން ރަނގަޅު ކުރުމަށް މަސައްކަތް ކުރުމުން ލިބިގަނެވޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ތަހުގީގު ކުރެވި އެ މައްސަލަތަކުގައި ގެއްލުން ލިބޭ ފަރާތަށް އިންސާފު ލިބުން އަވަސްވެގެން ދިޔުން ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ ތަމްރީނުތައް ތަރައްގީކޮށް ޕްރޮފެޝަނަލް ބަޔަކަށް ހެދުމަށް ކުރާ މަސައްކަތް ހުއްޓާ ނުލާ ކުރިއަށް ގެންދިއުމަކީ އެއް އަމާޒް ކަމަށް ސީޕީ ވިދާޅުވިއެވެ.