ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ މަސްތުވާތަކެތީގެ ބޮޑުންނާއި އެކަމުން ނަފާ ލިބޭ އެންމެން ހޯދުމުގައި ފުލުހުން ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ވަރަށް ސާބިތުކަމާއެކު ކުރާނެ ކަމުގެ ޔަގީންކަން ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު ދެއްވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ މީހުން އުޅޭ ރަށްރަށަށް ބަނގުރާ އެތެރެ ކުރާ ސަފާރީތައް ހޯދާ އެކަންކަން ހުއްޓުވުމަށް ވެސް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކުށްކުރާ ގްރޫޕުތަކުގެ ބިރުވެރިކަން ގްރޭޓާ މާލެ އަދި ރާއްޖޭގެ އެކި ސިޓީތަކުގައި އޮތްކަން ފާހަގަ ކުރައްވާ ސީޕީ ވިދާޅުވީ 18 އަހަރުން ދަށުގެ ކުދިން އެކަމަށް ވައްދާކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ. އެހެންކަމުން މިފަހަރު އެފަދަ ގްރޫޕުތަކަށް ކަންކަން އެންފޯސް ކުރުމުގެ އިތުރުން އެކަމުގައި އުޅޭ ކުޑަކުދިންން ނަގާ ރީހެބިލިޓޭޓް ކުރުމުގެ މަސައްކަތް ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްއާ ގުޅިގެން ކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އެކަމަށް ފުލުހުންގެ ފަރާތުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި އެއީ މީގެ އަހަރުތަކެއް ކުރިން ފުލުހުން ފޭދޫ ފިނޮޅުގަ ވަރަށް ކާމިޔާބު ކަމާއެކު ހިންގި ކަމެއް ކަން ސީޕީ ފާހަގަ ކުރެއްވިއެވެ. އަދި އެފަދަ ގްރޫޕުތައް ހިންގާ ބޮޑުންނާ ހަމައަށް ވާސިލްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށާއި އެކަން ހުއްޓުވުމަށްޓަކައި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ސީޕީ ވަނީ ވިދާޅުވެފައެވެ.

މީގެއިރުތުރުން އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންގެ މައްސަލަތައް އެއީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި މިހާރު ވެސް ކަނޑައަޅާފައިވާ އިރު، އެ މައްސަލަތައް ބެލުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ ގްރޭޓާ މާލެ ސަރަހައްދުގައި ސްޕާތަކުގެ ނަމުގައި ހިންގާ ފާހިޝް އަމަލުތައް ހުއްޓުވުމަށް މަސައްކަތަކެއް މިހާރު ވެސް ވަނީ ފަށާފައިވާ ކަމަށާއި އެފަދަ ވިޔަފާރިތައް ހިންގާ މީހުންނާއި އޭގެ ނަފާ ލިބޭ މީހުން ބަލާ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.