ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ޖެޓް ޕާކް ކުރުމަށް އިތުރު ސްލޮޓް ތަކެއް ގާއިމް ކޮށް އާ އަހަރުގެ ބަންދަށް ތައްޔާރުވެއްޖެއެވެ.

އެއާޕޯޓް ހިންގަމުންދާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، ޕާކް ކުރުމަށް ޖާގަ އިތުރުކޮށްފައި ވަނީ އެހެން އަހަރުތަކެކޭވެސް އެއްފަދައިން ކުރިއަށް އޮތް އާ އަހަރުގެ ބަންދާ ދިމާކޮށް ގިނަ ޖެޓް ތަކެއް ރާއްޖެ އަންނާނެތީ އެކަމަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.

މަތިންދާ ބޯޓު ޕާކް ކުރުމަށް މީގެ ކުރިން ވެލާނާ އެއާޕޯޓުގައި ގާއިމްކޮށްފައި ވަނީ 39 ޕާކިންގް ސްލޮޓެވެ. ނަމަވެސް އެކިއެކި ބަންދުތަކާ ދިމާކޮށް ފަތުރުވެރިން އަންނަ އަދަދު އިތުރުވެ، ޖެޓްތައް ޕާކް ކުރުމަށް ޖާގައިގެ ދަތިކަން ދަނީ ކުރިމަތިވަމުންނެވެ.

ވެލާނާ އެއާޕޯޓުގައި ތަރައްގީ ކުރި އާ ރޭމްޕްތައް: ފޮޓޯ / އެމްއޭސީއެލް

އެކަމަށް ހައްލެއް ހޯދުމަށް އެ ކުންފުނިން ކުރި މަސައްކަތުން އިތުރު 29 ސްލޮޓް އިތުރުކޮށް އެއްފަހަރާ ޕާކް ކުރެވޭ ޖެޓްތަކުގެ ޖުމްލަ އަދަދު މިހާރު މިވަނީ 68އަށް އިތުރުކޮށްފައެވެ. އަދި މިއީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ވެލާނާ އެއާޕޯޓުގައި މަތިންދާ ބޯޓުތައް ޕާކް ކުރަން ބޭނުން ކުރަނީ:

  • ނޯތް(އުތުރު) އޭޕްރަން: 13 ސްލޮޓް
  • އީސްޓް (އިރުމަތީ ފަރާތް) އޭޕްރަން: 26 ސްލޮޓް
  • ފިއުލް ފާމް ކުރިމަތީގައި އަލަށް ބިނާ ކުރި: 13 ސްލޮޓް
  • ދެކުނު ފަރާތުގައި އަލަށް ބިނާ ކުރި: 16 ސްލޮޓް

އެގޮތުން ހުޅަނގު ދެކުނުގައި އަލަށް ތަރައްގީ ކުރި ޕާކިންގް ސަރަހައްދުގައި 27،257 އަކަ މީޓަރު އެކުލެވެއެވެ. އަދި އުތުރު ސަރަހައްދުގައި 27،590 އަކަ މީޓަރުގެ ޕާކިން އޭރިއާއެއް ވަނީ ތަރައްގީ ކޮށްފައެވެ. މިއީ ފިނި މޫސުމުގެ ރާއްޖެއަށް ވައިގެ ދަތުރުފަތުރަށް އޮތް ޑިމާންޑް އިތުރުވެ، އޮޕަރޭޝަންތަކާއި ހިދުމަތްތައް ފުޅާކުރުމަށް އެމްއޭސީއެލް އިން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތްތަކެއް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

މީގެ އިތުރުންވެސް އެއާޕޯޓުގައި ދެމުންގެންދާ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް މުޅިން އަލަށް ގާއިމް ކުރާ ފިއުލް ހައިޑްރަންޓް ސިސްޓަމް ޓެސްޓު ކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ވަނީ ނިންމާފައެވެ. މިހާރު މަތިންދާބޯޓު ތަކަށް ތެޔޮ އަޅަނީ ފިއުލް ފާމުން ތެޔޮ ބައުޒަރުތަކަށް ތެޔޮ އަޅައިގެން ނަމަވެސް ރަންވޭގެ އަޑިން ހޮޅިތަކެއް މެދުވެރިކޮށް އެޅި މި ހައިޑްރަންޓް ނެޓްވޯކް ބޭނުން ކުރަން ފެށުމުން ތެޔޮ އެޅުމަށް ހޭދަވާ ވަގުތު ބޮޑުތަނުން ކުޑަކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.