ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިތުރު ލުއިތަކެއް ނުލިބެނީސް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ނުކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީބު ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ޝަރުއީ ހުކުމެއްގައި ކަމަށާއި ޝަރުއީ ހުކުމެއްގައި ހުންނަވާ ބޭފުޅަކު ސިޔާސީ ބޭފުޅުންނާ ބައްދަލުކުރެއްވުމުގައި ހިފެހެއްޓުންތައް ހުންނަ ކަމަށް ކަރެކްޝަންސްއިން ބުނެފައިވާ ކަމަށެވެ.
ކުރީ ސަރުކާރުންވެސް ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވުމުގެ ލުއި ދެއްވާފައިވަނީ ސިޔާސީ އެއްވެސް ކަމެއްގައި ބައިވެރިނުވެވޭ ގޮތަށް ޝަރުތުކުރެއްވުމަށްފަހު ކަމަށް ޝަހީބު ވިދާޅުވިއެވެ. އަދި އެހެންއެކަން އޮތްއިރު މުއިއްޒާއި ޔާމީން ބައްދަލުކުރައްވާ، މަޝްވަރާކުރައްވާ ނުވަތަ ފޯނުންވެސް އެކަހަލަ ކަމެއް ކުރެއްވުމަކީ ގާނޫނީ ގޮތުން ރަނގަޅު ކެމެއްގެ ގޮތުގައި ދެކެވަޑައި ނުގަންނަވާ ކަމަށާއި އެ ލުއިތައް އިތުރަށް ލިބިގެން ނޫނީ ރައީސް މުއިއްޒު ރައީސް ޔާމީނާ ބައްދަލު ނުކުރައްވާނެ ކަމަށް ޝަހީބު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ ކުރީގެ ދެ ރައީސްއަކާއި 4 ސިޔާސީ ޕާޓީއެއްގެ ލީޑަރުންނާ ބައްދަލުކުރައްވާފައެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް އަދި ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ހިމެނިވަޑައިގަންނަވައެވެ.
ޝަހީބު ވިދާޅުވީ މުއިއްޒު ހުވާކުރުމުގެ ކުރިންވެސް އަދި އަބަދުވެސް ރާއްޖޭގެ އެކި ދާއިރާތަކުގެ ބޭބޭފުޅުންނާ މަޝްވަރާކުރައްވާ ހިޔާލު ހޯއްދަވަމުން ގެންދަވާ ކަމަށާއި ބޭބޭފުޅުންނާ ބައްދަލުކުރައްވާ އެ ބޭބޭފުޅުންގެ މަޝްވަރާ އާއި ހިޔާލާއި ލަފާ އެކި ކަންކަމުގައި ހޯއްދެވުން ރައީސް އިސްކަން ދެއްވާ ކަމަށެވެ.
ޝަހީބު ވިދާޅުވީ ގައުމުގެ ކުރިމަގަށާއި އިޖްތިމާއީ، އިގްތިސޯދީ އަދި ސިޔާސީ އެކި ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާކޮށް ހިޔާލު ހޯއްދަވާ ހިޔާލު އެއްގޮތް ކޮށްލާ، މަޝްވަރާކުރައްވާ ކަމަށާއި އެ ބައްދަލުވުންތަކާ ބެހޭ ގޮތުން ބައެއް ލިބުނު މައުލޫމާތު ވާނީ މީޑިއާތަކާ ހިއްސާކޮށްފައި ކަމަށެވެ. އަދި އިތުރަށް އެ މައުލޫމާތު ހިއްސާކުރެއްވުމަކީ އެ ބައްދަލުކުރެއްވި ބޭފުޅުންގެ އަތްމަތީގައި އޮތް ކަމެއް ކަމަށް ޝަހީބު ވިދާޅުވިއެވެ.