ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެކޮޅަށް ދައުލަތުން ހުށަހެޅި އޯޑިއޯ ހެކިތަކެއް ޝަރީއަތަށް ބަލައިގަންނަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން، އެމަނިކުފާނުގެ ފަރާތްޕުޅުން އިއްޔެ ހައިކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

ރައީސް ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ދައުވާކޮށްގެން ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި ބަލައިގަތް ހެއްކަކީ، 2013 ވަނަ އަހަރު ރައީސް ޔާމީން ފޯނުން ދައްކަވާފައިވާ ވާހަކަތަކެއްގެ އަޑު ކަމަށް ބުނާ އޯޑިއޯތަކެކެވެ. ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކުގެ ތެރޭގައި، ޔާމީންގެ ފަރާތްޕުޅުން ވަނީ މި އޯޑިއޯ ފައިލްތައް ޝަރީއަތަށް ބަލައިނުގަތުމަށް ކޯޓުގައި އެދިވަޑައިގެންފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ނިންމީ އެ ހެކިތައް ބަލައިގަތުމަށެވެ.

ހައިކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި، އާރަށުގެ މައްސަލާގައި ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުމަކާ މެދު ދަށު ކޯޓުން ނިންމި މި ނިންމުން އިއްޔެ ވަނީ އެ ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

ޔާމީންގެ ފަރާތްޕުޅުން މި މައްސަލަ ހައިކޯޓަށް ހުށަހެޅުއްވީ، ކާކުކަން ސާފުކޮށް ކަށަވަރުނުކުރެވޭ އޯޑިއޯތަކެއް ޝަރީއަތަށް ބަލައިގަތުމަށް ކޯޓުން ނިންމުމާ ގުޅިގެންނެވެ. އެގޮތުން އެ އޯޑިއޯތަކަކީ ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ ވެސް ކުރީގެ ތާރީހެއްގައި ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ކަމަށާއި، އެއީ އެމަނިކުފާނުގެ އަޑުކަން ކަށަވަރުކުރުމަށްޓަކައި އޯޑިއޯ އެނަލިސިސް ރިޕޯޓެއް ތައްޔާރުކުރާނެ ކަމަށް ދައުލަތުން ކުރިން ހިންގި ޝަރީއަތުގައި ބުނި ނަމަވެސް، މިހާތަނަށް ވެސް އެފަދަ އެނަލިސިސް ރިޕޯޓެއް ތައްޔާރުކޮށްފައި ނުވާ ކަމަށް ޔާމީންގެ ގާނޫނީ ޓީމުން ފާހަގަކުރެއެވެ.

އެހެންކަމުން، ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އެދިވަޑައިގެންފައި ވަނީ އެ އޯޑިއޯތައް ހެއްކެއްގެ ގޮތުގައި ބަލައިނުގަތުމަށާއި، މިފަދަ ކަންކަމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލުތަކެއް ކަނޑައަޅައި ދިނުމަށެވެ.

އާރަށަކީ 2015 ވަނަ އަހަރު ސަރުކާރަށް އަނބުރާ ނެގުމަށްފަހު، އެފަހުން އެ ރަށާ ގުޅޭގޮތުން ހިނގާފައިވާ މުއާމަލާތްތަކަކަށް ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރަމުން އަންނަ މައްސަލައެކެވެ.

އާރަށަކީ ވ. ތިނަދޫ ކައިރީގައި އޮންނަ ފަޅުރަށެކެވެ. މި ރަށް ދަނޑުވެރިކަމަށް ކުރިން ދޫކޮށްފައި އޮތް ނަމަވެސް، 2015 އޮގަސްޓު 9 ގައި ވަނީ ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކޮށްފައެވެ. އެއަށްފަހު، 2015 އޮގަސްޓު 13 ގައި ޔޫސުފް ނައީމްގެ 99 ޕަސެންޓް ހިއްސާ އޮންނަ "ޓޫޖީ ޕްރައިވެޓް ލިމިޓެޑް" ނަމުގައި ކުންފުންޏެއް އުފައްދައި، މި ރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓަށް 1 މިލިއަން ޑޮލަރާއި، ޔޫސުފް ނައީމަށް ވަކިން 1 މިލިއަން ޑޮލަރުގެ ޗެކެއް ދެވުނެވެ. މި ފައިސާ ޔޫސުފް ނައީމްގެ އެކައުންޓަށް ޖަމާކުރެވުނީ އެދުވަހުއެވެ.

ދައުލަތުން ތުހުމަތުކުރާ ގޮތުގައި، 2015 އޮގަސްޓު 15 ގައި ޔޫސުފް ނައީމްގެ އެކައުންޓުން ރައީސް ޔާމީނަށް 1 މިލިއަން ޑޮލަރުގެ ޗެކެއް ދެވުނުއިރު، މި ފައިސާ ޔާމީންގެ އެކައުންޓަށް ޖަމާކުރެވުނީ އޭގެ ދެ ދުވަސް ފަހުންނެވެ. އަދި 2015 ސެޕްޓެމްބަރު 8 ގައި ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ 99 ޕަސެންޓް ހިއްސާ "އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް" އަށް ވިއްކާލިއެވެ.

ނަމަވެސް ޔާމީނާއި ޔޫސުފް ނައީމްގެ ދިފާއަކީ، ޔާމީންގެ އެކައުންޓަށް ޖަމާވި މި އެއް މިލިއަން ޑޮލަރަކީ، ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްގެ ތެރެއިން ޔޫސުފް ނައީމަށް ޔާމީން ދެއްވި ދިވެހި ރުފިޔާގެ ނަގުދު ފައިސާގެ ބަދަލުގައި ޖަމާކުރި ފައިސާ ކަމަށެވެ. މި މައްސަލައިގެ ޝަރީއަތުގެ ކުރިއަށްހުރި އަޑުއެހުންތަކުގައި މި ހެކިންގެ ހެކިބަސް ނެގުމަށް ވަނީ ތާވަލުކުރެވިފައެވެ.