ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅު ފުއްދަވައިފި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީބު ވިދާޅުވީ ކެމްޕެއިން ތެރޭގައި ރައީސް މުއިއްޒު ވިދާޅުވީ ރައީސް ޔާމީނަށް ކުރެވިފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށާއި އެއީ ސަރުކާރުން ޝަރީއަތް ތެރެއަށް އަތްބާނައިގެން ކޮށްފައިވާ ހުކުމެއް ކަމަށެވެ. އަދި ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންފިނަމަ ފުރަތަމަ ދުވަހު އެންމެ ކުޑަވެގެން ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ކަމަށް ޝަހީބު ވިދާޅުވިއެވެ.

ހުވާކުރައްވާ ދުވަހު އެކަންކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިކަން ފާހަގަކުރައްވާ ޝަހީބު ވިދާޅުވީ ރައީސް ކަމަށް މުއިއްޒު އިންތިހާބު ވެވަޑައިގެންނެވި ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފައި ކަމަށާއި ޖެހިގެން އައި ދުވަހު ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވާފައި ވާ ކަމަށެވެ. އަދި ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދެއްވާފައި ވަނީ ކުރީގެ ސަރުކާރުގެ ހެޔޮ ކަމުން ކަމަށް ބައެއް މީހުންނަށް ހީވެދާނެ ކަމަށާއި ކުރީ ސަރުކާރުގެ ހެޔޮ ކަމުން އެކަން އޭގެ ކުރިންވެސް ކޮށްދޭނެ ކަމަށް ޝަހީބު ވިދާޅުވިއެވެ.

ޝަހީބު ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދެއްވާފައި ވަނީ ރައީސް މުއިއްޒު އިލްތިމާސް ކުރެވުމާ ގުޅިގެން ކަމަށާއި އެހެންކަމުން ރައީސް ކަމަށް ހުވާކުރެއްވުމުގެ ކުރިން ރައީސް ޔަމީން ހުންނެވީ ގޭގައި ކަމަށެވެ. އަދި ހުވާކުރެއްވި ދުވަހު ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން ޖުޑިޝަރީއަށް އަތްބޭނުން މި ވަގުތުން ވަގުތަށް ނިމުނީ ކަމަށާއި އޭރުން ފެށިގެން ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުން ވަނީ ނިމިފައި ކަމަށް ޝަހީބު ވިދާޅުވިއެވެ.

އެއާއެކު ރައީސް ޔާމީނާ ގުޅިގެން މުއިއްޒާ ވެވަޑައިގެންނެވި ވައުދު ފުދިފައިވާ ކަމަށް ޝަހީބު ވަނީ ވިދާޅުވެފައެވެ.

"ރައީސް ޔާމީނާ ގުޅިގެން ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި އެ އޮތީ ފުދިފައި"
ޝަހީބު

ޝަހީބު ވިދާޅުވީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ވަކި ގޮތަކަށް ކަންކުރަން ބުނެގެން އެކަންކަން ކުރާ ކަމަށް މީގެ ކުރިން އިވުނު އަޑުތައް ދެން ނީވޭނެ ކަމަށާއި ރައީސް ޔާމީން މިނިވަންވުން އޮތީ ޖުޑިޝަރީ ތެރޭގައި ކަމަށެވެ. އަދި ސަރުކާރުގެ ތެރެއިން އެކަމުގެ ތެރެއަކަށް ނުވަންނާނެ ކަމަށް ޝަހީބު ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން މިނިވަންކުރެއްވުމާ ގުޅޭގޮތުން ޑރ. މުއިއްޒު ކެމްޕެއިންގެ ތެރޭގައި ތަކުރާރުކޮށް ވައުދުވެވަޑައިގެންފައިވާއިރު ރައީސް ޔާމީން މިނިވަން ނުކުރައްވާ ގިނަ ދުވަސްވަމުންދާތީ ސަޕޯޓަރުން ދަނީ ކަންބޮޑުވަމުންނެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދެވި ރައީސް ޔާމީން މިދިޔަ މަހުގެ 1 ވަނަ ދުވަހު ވަނީ ގޭ ބަންދަށް ބަދަލު ކޮށްފައެވެ. އެއަށް ފަހު އެ މަހުގެ 28 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އެމަނިކުފާނު ވަނީ ރަށު ބަންދަށް ބަދަލު ކޮށްފައެވެ.