ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ 97 ގެއަކަށް ފެންވަދެ ގެއްލުން ވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖެމެންޓް ސެންޓާ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

އެ އިދާރާއިން ހާމަ ކުރި މައުލޫމާތު ތަކަށް ބަލާއިރު އައްޑޫގެ ހަތަރު ރަށެއްގައި ވަނީ ފެންބޮޑު ވެފައެވެ. އެގޮތުން މަރަދޫގެ 13 ގެއެއްގައި ފެންބޮޑުވި ނަމަވެސް އެ ގެތަކުން ފެން ހިއްކައި އާންމު ހާލަތަށް ރުޖޫއަވުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް އެ އިދާރާއިން މައުލޫމާތު ދިނެވެ.

އަދި މަރަދޫފޭދޫގެ 5 ގެއެއްގައި ފެންބޮޑުވިއިރު، 1 ގެއިން މިވަގުތު ކަރަންޓްގެ ހިދުމަތް މެދުކެނޑިފައިވާ ކަަމަށާއި އެ ގެއަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެއެވެ.

އައްޑޫގައި ފެންބޮޑުވެފައި: ފޮޓޯ / އެމްއެންޑީއެފް

އަދި ފޭދޫގެ 60 ގެއެއްގައި ފެންބޮޑުވިއިރު، ހިތަދޫގެ 9 ގެއެއްގެ ގޯތި ތެރޭގައި ފެންބޮޑުވެ ފެންހިންދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ވެއެވެ. ހަމައެހެންމެ ވަކިން އޮންނަ ހުޅުމީދޫގެ 10 ގެއެއްގައި ފެންބޮޑު ވެފައިވާ ކަމަށް މައުލޫމާތު ދިނެވެ.

އެންޑީއެމް އިން ބުނި ގޮތުގައި މި ވިއްސާރައިގެ ސަބަބުން އެއްވެސް ގެއަކުން މީހުން ހުސްކޮށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ހާލަތަކަށް ގޮސްފައި ނުވެއެވެ. އަދި މި ވިއްސާރައިގައި ފުވައްމުލަކުގެ މަގުތަކުގައި ފެންބޮޑުވި ނަމަވެސް ގޭގެގައި ފެންބޮޑުވެ ގެއްލުން ލިބޭ ހާލަތަަކަށް ގޮސްފައި ނުވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

އައްޑޫ ސިޓީގެ ރަށްތަކުގައި ފެން ހިއްކުމާއި، ކޯރު ކެނޑުމާއި ވެލި ބަސްތާ ޖެއްސުން ފަދަ މަސައްކަތް ތަކުގައި ކައުންސިލްއާއި އަވަށު އޮފީސްތަކުގެ އިތުރުން ސިފައިންނާއި ފުލުހުން އަދި ރެޑް ކްރެސެންޓާއި އާރްޑީސީއާއި އާންމު ފަރުދުންނާއި ކުންފުނިތަކުން މަސައްކަތް ކޮށްފައިވާ ކަމަށް އެންޑީއެމް އިން ވަނީ ފާހަގަކޮށްފައެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް އައްޑޫ ސިޓީއާއި ފުވައްމުލަކަށް ވަނީ މިއަދު 1:20 އިން ފެށިގެން 3:20 އާ ދެމެދު އޮރެންޖް އެލާޓް ވެސް ނެރެފައެވެ. މި ދުވަސްވަރު ރާއްޖެއަށް މި ކުރާ ވިއްސާރަ އަކީ އިރުވައި މޫސުން ގާއިމުވުމާ ގުޅިގެން ކުރާ ވިއްސާރަ ކަމަށް މޫސުމާ ބެހޭ މައި އިދާރާ މެޓް އޮފީހުން ވަނީ ބުނެފައެވެ.