ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ހޯދި ހިދުމަތްތަކަކީ އުސޫލުގެ ތެރެއިން ހޯދާފައިވާ ހިދުމަތްތައް ކަމަށާއި ހުރިހާ ހިދުމަތެއްގެ އަގުވެސް އަދާ ކޮށްފައިވާނެ ކަމަށް ސަންގު ޓީވީން ބުނެފިއެވެ.
ސަންގު ޓީވީން މިހެން ބުނެފައި ވަނީ އެ ޓީވީގެ އެދުމަށް ޕީއެސްއެމްގެ މުދާ އުސޫލާ ހިލާފަށް ދޫކޮށްފައިވާ ކަމަށް ބުނެ ހަބަރު ފެތުރުމާ ގުޅިގެންނެވެ. އެ މީޑިއާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއަދަާ ހަމައަށް ދައުލަތުގެ މީޑިއާ އިން ސަންގު ޓީވީ އަށް ހިދުމަތް ދިނުން ހުއްޓާލާފައި ނުވާ ކަމަށެވެ.
އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް އަމިއްލަ މީޑިއާތަކަށް ޕީއެސްއެމްގައި އޭރު ހުންނަވާ ވެރިއެއް އަހަންމިއްޔަތުކަން ދެއްވާ ކަމަަށެވެ.
އަދި ހުރިހާ މީޑިއާ ތަކުންވެސް މަސައްކަތް ކުރަމުންދަނީ އެކުވެރި މާހައުލެއްގައި ކަން ފާހަގަކޮށް ސަންގު ޓީވީން ބުނީ އަބަދުވެސް އިވެންޓްތަކުގެ ކުޑަ ބޮޑު މިނައް ބަލާފައި އެ މީޑިއާ އަކުން ވެވެން އޮންނަ އެހީތެރި ކަމެއް އެހެން މީޑިއާ ތަކަށް ފޯރު ކޮށްދޭ ކަަމަށެވެ.
އަދި މިދިޔަ ފަސް އަހަރުގެ ތެރޭގައި ދައުލަތުގެ މީޑިއާގެ ފަރާތުން އެހީއަށް އެދިފައި ވަނީ ޖުމްލަ 2 ހިދުމަތަކަށް ކަމަށާއި އެ ދެ ހިދުމަތުގެ ވެސް އަގު އަދާ ކޮށްފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި ހިދުމަތްތައް ހޯދާފައިވާނީ އުސޫލުގެ ތެރެއިން ކަމަށް ސަންގު ޓީވީން ބުނެއެވެ.
މިކަމާ ގުޅިގެން ޕީއެސްއެމް އިން ވެސް ބުނީ، މުދާ ދޫކުރުމުގެ އުސޫލުން އެކު ކުންފުނިތަކާއި މުއައްސަސާތަކަށް މީގެ ކުރިންވެސް މުދާ ދޫކޮށްފައިވާނެ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ރިޔާސީ އިންތިހާބުގެ ކުރިން ބޭއްވި ސަންގު ބަހުސްއަށްވެސް ޕީއެސްއެމްގެ ޕޯޑިއަމްތައް ދޫކޮށްފައިވާނެ ކަން ފާހަގަކޮށް ޕީއެސްއެމް އިން ބުނީ އެ ހިދުމަތުގެ ފުރިހަމަ އަގު އެ ޓީވީން އަދާ ކޮށްފައިވާ ކަމަށެވެ.