ވިލިމާލޭގެ ފެނާއި ނަރުދަމާ ނިޒާމުގެ ހާލަތު ދިރާސާކޮށް، އެ ނިޒާމު މަރާމާތުކުރުމަށާއި އިތުރަށް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވާރަމަންޓް އެންޑް އެނާޖީއިން ދެ ކުންފުންޏަކާ އެކު އެއްބަސްވެއްޖެއެވެ.

މި މަސައްކަތް ހަވާލުކޮށްފައި ވަނީ ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީ އާއި އެވެ. މިއީ ވިލިމާލޭގައި އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުންތަކާއި، މިހާރު ބޭނުންކުރަމުންދާ ނިޒާމުގައި ހުރި މައްސަލަތަކާއި، އެ މައްސަލަތައް ހައްލުކުރުމަށް ކުރެވެންހުރި މަސައްކަތްތައް ދެނެގަތުމަށް ވެވުނު އެއްބަސްވުމެކެވެ.

މީގެ އިތުރުންވެސް ކުރިއަށް އޮތް ވިހި އަހަރު ދުވަހަށް ޑިމާންޑް އިތުރުވާނެ މިންވަރާއި، މި ނިޒާމުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރަންހުރި މަސައްކަތްތަކާއި، މަރާމާތުކުރުމުގެ އިތުރުން، ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ އިންވެސްޓްމަންޓް ދެނެގަތުން ހިމެނެއެވެ.

އަދި މައްސަލަ ދިމާވެފައިވާ ނިޒާމުތައް މަރާމާތު ކުރުމަށާއި އަޕްގްރޭޑްކުރުމަށް މަޝްރޫއުއެއް އެކުލަވާލައި އެ މަޝްރޫއު ތަންފީޒުކުރާނެ ގޮތުގެ އެކްޝަން ޕްލޭނެއް ތައްޔާރު ކޮށް މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ އެއްބަސްވެފައެވެ.

މިއަދު ސޮއި ކުރި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކްލައިމޭޓް ޗޭންޖް އެންވާރަމަންޓް، އެންޑް އެނާޖީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ މިނިސްޓަރު ތޯރިގް އިބްރާހިމްއެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން ފަހުމީއެވެ. މި މަސައްކަތުގެ ސުންގަޑިއަކީ މިއަދުން ފެށިގެން ތިން މަސްދުވަހެވެ.