ވިލިމާލޭގެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ސާފުތާހިރުކަން ކުޑަކޮށް ވަޅޯމަސް ތައްޔާރުކުރަމުންދިޔަ މައްސަލައެއް ފާހަގަކުރެވިގެން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި ވިލިމާލެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓް ގުޅިގެން އެ ތަންތަން އިންސްޕެކްޓްކޮށް، އިސްލާހުކުރުމަށް އަންގައިފިއެވެ.
މާލެ ސިޓީ ކައުންސިލުން އެކްސްގައި ހާމަކޮށްފައިވާ ގޮތުގައި، މިކަން ފާހަގަވީ ވިލިމާލެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުގެ މުވައްޒަފުން ރަށުތެރެ ޕެޓްރޯލްކޮށް ބަލަހައްޓަން އުޅުމުގެ ތެރޭގައެވެ. އެގޮތުން، ވިލިމާލޭގެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ވަޅޯމަސް ތައްޔާރުކުރާ ބައެއް ފަރާތްތަކުން ސާފުތާހިރުކަން ކުޑަކޮށް ބިންމަތީގައި ސަތަރި އަޅައިގެން، އޭގެ މަތީގައި މަސް ހިއްކަން ބަހައްޓާފައި ހުރިކަން ވަނީ ފާހަގަކުރެވިފައެވެ.
މި މައްސަލަ ފާހަގަވުމާ ގުޅިގެން، އެކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ރަސްމީކޮށް ހުށަހެޅުމަށްފަހު، އެމްއެފްޑީއޭ އާއި ވިލިމާލެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓް ގުޅިގެން އަންގާރަ ދުވަހު ވަނީ އެ ސަރަހައްދުގައި އެގޮތަށް ހުރި ތަންތަން އިންސްޕެކްޓްކޮށް، އެކަން އިސްލާހުކުރުމަށް އެ ފަރާތްތަކަށް އަންގާފައެވެ.
ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރުކޮށް ގެންގުޅުމަކީ މަނާކަމެއްކަމުގައި ވާތީ، ވިލިމާލޭގެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ވަޅޯމަސް ތައްޔާރުކުރާ ފަރާތްތަކުން މިގޮތަށް މިކަން ނުކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
