ވިލިމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 4 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ވިލިމާލޭގައި ކުރިއަށް ގެންދިޔަ ހާއްސަ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި، ކަމަށެވެ. މި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ހަތަރު ފިރިހެނުންނެވެ.
އޭގެ ތެރޭގައި ދިވެހި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ތިން މީހަކު ހިމެނޭ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެ ސަރަހައްދާއި އެ މީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އެހެންކަމުން، މި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލު މަސައްކަތް ނިމުމުން ފަހުން ހިއްސާކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މަސްތުވާތަކެތީގެ ވިޔަފާރިއާއި ބޭނުންކުރުން ހުއްޓުވުމަށް ފުލުހުން ދަނީ މާލެއާއި އަތޮޅުތެރޭގައި މެދުކެނޑުމެއްނެތި މިފަދަ އޮޕަރޭޝަންތައް ހިންގަމުންދާއިރު ދޭތެރެ ދޭތެރެއިން އެފަދަ މައްސަލަތަކުގައި މާލެއިން ވެސް އެކި މީހުން ހައްޔަރުކޮށްފައި ވެއެވެ.
