2004 ވަނަ އަހަރު އިންޑޮނީޝިއާގެ ސުމަޓްރާއަށް އައި ބިންހެލުމާ ގުޅިގެން އުފެދިގެން ދިޔަ ސުނާމީގައި ރާއްޖޭގެ ރަށްތަަކަށް ވެސް ވަރަށް ބޮޑަށް އަސަރު ކުރިއެވެ. އެ ކާރިސާގައި ދ. އަތޮޅުން 13 މީހަކު މަރުވި އިރު ރިނބުދޫއަކީ 2 ކުއްޖަކު މަރުވި ރަށެވެ.
މީގެ 19 އަހަރު ކުރިން ރިނބުދޫއަށް ސުނާމީ އެރި ކާރިސާ އެންމެ ގާތުން ފެނުނު އެކަކީ މިހާރު ފެނަކަ އޮފީހުގައި ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އުމުރުން 49 އަހަރުގެ މުހައްމަދު އަޒްހީމެވެ. ސުނާމީ އެރި އިރު ދ. ރިނބުދޫ، ވިލަރެސްގެ، އަޒްހީމްގެ އުމުރަކީ 30 އަހަރެވެ.
އޭރު އޭނާ މަސައްކަތް ކުރަމުން ދިޔައީ ވަލީދު ކޮންސްޓްރަކްޝަންގައި ކަމުން ސުނާމީ އެރުމުގެ އިރުކޮޅެއް ކުރިން އޭނާ ހުރީ އެ ރަށު ސްކޫލްގައި މިހާރު ހުރި އޮފީސް އިމާރާތް ހިޔާ ކުރުމުގެ މަސައްކަތް ކުރާށެވެ.
އެ ދުވަހުގެ ހަނދާންތައް 'ދަ ޕްރެސް' އާ ހިއްސާކުރަމުން އަޒްހީމް ބުނީ، އެ މަސައްކަތުގައި އުޅުމަށް ފަހު 9 ޖެހި ތަނުން މަސައްކަތް ނިންމާލީ ހެނދުނު ސަޔަށް ދިއުމަށް ކަމަށެވެ. މަސައްކަތުގައި އުޅުނު މީހުން އެބައެއްގެ ގެއާ ދިމާއަށް ދިއުމުން އޭނާ ދިޔައީ މަސައްކަތާ ގުޅުން ހުރި މައުލޫމާތެއް ސާފު ކުރުމަށް ރަށު އޮފީހާ ދިމާއަށެވެ. ރަށު އޮފީހުގައި އެ ރަށުގެ ކުޑަ ކަތީބު މުސްތޮފާ ހުސެއިން އާއެކު ފެންޑާގައި ހުރި މޭޒު ދޮށުގައި ވާހަކަ ދައްކަން ތިއްބާ އަޑެއް އިވުނެވެ.
އޭރު މުއާސަލާތީ ގޮތުން ބޭނުން ކުރަމުން ދިޔަ ސެޓުން އިވެމުން ދިޔަ އަޑަކީ، ރަށްރަށަށް ރާޅު އަރާ ވާހަކަ ގޮވަމުން ދިޔަ އަޑު ކަމަށް އަޒްހީމް ބުންޏެވެ. އޭރު އެ ރަށަށް އެކަހަލަ އެއްވެސް ކަމެއް ނުވާ ކަމަށާއި ނަމަވެސް އަތޮޅުގެ ހުރިހާ ރަށަކަށް ރާޅު އަރާ އިރު، އުދަ މޫސުމުގައި އެންމެ ގަދައަށް އުދަ އަރާ އެރަށުގެ ހާލަތު ބަލާލަން އަތިރި މައްޗަށް ދިއުމަށް ކަތީބު ގާތުގައި އަޒްހީމް އެދުނެވެ.
އެހެންކަމުން ކުޑަ ކަތީބާ އެކު އަޒްހީމް އޮފީހުން ނިކުމެ ހުރިގޮތަށް އަތިރިމައްޗަށް ދިޔައެވެ. އަތިރިމަތިން ވަކި ހިސާބަކަށް އައި ތަނުން ދެން އެރަަށަށް ވެސް ސަލާމަތެއް ނެތް ކަން އެނގުނު ކަމަށް އަޒްހީމް ބުނެއެވެ. ރާޅު އެރި މަންޒަރު ސިފަ ކޮށް ދެމުން އަޒްހީމް ބުނީ، އެ ރާޅަކީ އުސްކޮށް އުފުލާލާފައި ބިންދާލީ ރާޅެއް ނޫން ކަމަށެވެ. އެ ސިފަ ކުރެވުނީ ތެއްޔެއް ފަދަ އެއްޗެއް މޫދަށް ގަންބާލީމާ އެ ތެލީގެ ތެރެއަށް ލޮނުތައް ފުރިގެން އެޅޭ ފަދަ ގޮތަކަށް ރަށްވެސް ގެނބިގެން ދާ ފަދަ ގޮތަކަށް ކަމަށް އަޒްހީމް ބުނެއެވެ.
ދެން އެހިސާބުން އަޒްހީމް އެދުނީ ކުޑަކަތީބު ގާތު އަވަހަށް އޮފީހަށް ގޮސް އަތިރިމަތީ އުޅޭ މީހުން ރަށުތެރެއަށް އައުމަށް ގޮވުމަށެވެ. އެވަގުތު ރަށުގައި އެއްބަނޑު މީހުން ނެތް ނަމަވެސް އެ އާއިލާގެ ކުޑަކުއްޖަކު ގޭގައި އުޅޭތީ އޭނާ ބޭނުންވީ ގެއާ ދިމާއަށް ދާށެވެ. ގޮނޑުދޮށާ ކައިރީގައި ހުރި އެއްގެ ކަމަށްވާ ދިލްކަޝްގެ ދައްކަމުން އަޒްހީމް ބުނީ، އެ ކުއްޖާ ކައިރިއަށް ދާން ހިނގައި ގަތް ނަމަވެސް، އެ ގެއާ ކައިރިއަށް ނުދެވެނީސް އުނަގަނޑާ ހަމައަށް ލޮނުގަނޑު އަރައިފި ކަމަށެވެ.
ގައިހުރި ބާރެއް ލާފައި އޭނާ އެގެއަށް ދިޔައެވެ. ނަމަވެސް އެގޭ ތެރޭގައި ކޮއްކޮ ނެތް ކަން އެނގުމުން އެހިސާބުން އޭނާ މިސްރާބު ޖެހީ އޭނާ ދިރިއުޅޭ ގެއާ ދިމާއަށެވެ. އެއީ ރަށް ވަށައިގެން ބަލާއިރު، ރަށުގެ މެދެއްހާ ހިސާބުގައި ހުރި ގެއެކެވެ. އެ ސަރަހައްދަށް އަޒްހީމް ދިޔަ އިރު، ރަށުގެ އަންހެނުންނާއި ކުޑަކުދިން ވަނީ އެ ސަރަހައްދަށް އެއްވެފައެވެ.
އޭރު ލޮނުގަނޑުގެ އޮއެވަރު ގަދަ ކަމުން ބައެއް މީހުންނަށް ކޮޅަށް ހުންނަން ވެސް ދައްޗެވެ. އެ މަންޒަރު ފެނުމާއެކު އޭނާ ދިރިއުޅޭ ގެއަކީ ދެބުރިއަށް ހުރި އިމާރާތެއް ކަމުން އެ އިމާރާތުގެ މައްޗަށް ގިނަ ބަޔަކު އެރުވި ކަމަށް އޭނާ ބުނެއެވެ.
އެ ސަރަހައްދުން އޭނާއަށް ފެނުނު ހިތްދަތި މަންޒަރެއް ވެސް އަޒްހީމް ކިޔައިދިނެވެ. އޭނާގެ ގޭގެ މަތީ ބަޔަށް މީހުން އެރުވި އިރު، ކުޑަކުއްޖަކު ގޮވައިގެން ހުރި އަންހެނަކު ގެއެއްގެ ފާރުގައި ޖަހާފައިވާ ދަނޑިއެއްގައި ހިފަހައްޓައިގެން ލޮނުގަނޑު ތެރޭގައި ހަރުލައި ހުންނަން މަސައްކަތް ކުރަމުން ދިޔަ ތަން އޭނާ އަށް ފެނުނެވެ. އެ މަންޒަރު ފެނުމުން އޭނާ އަށް ހުރެވުނު ތަން ވެސް ނޭނގުނު ކަމަށް އަޒްހީމް ބުނެއެވެ. އަވަހަށް އެ އިމާރާތުން ތިރިއަށް ފައިބެ އެ އަންހެން މީހާ ހުރި ތަނަށް ގޮސް، އެ އަންހެން މީހާ އުރައިގެން ހުރި ކުއްޖާ އަޒްހީމް އުރާލިއެވެ. އަދި އެ ކުއްޖާ ގެނެސް އޭނާގެ އަންހެނުންނާ ހަވާލު ކުރިއެވެ.
ދެން އެ އަންހެން މީހާ އޭނާއަށް ފެނުނީ ސުނާމީގެ ރާޅު މަޑުޖެހުނު ފަހުންނެވެ. އެމީހާއާ ސުވާލު ކުރުމުން ބުނީ، އަޒްހީމް ކުއްޖާ އުރިކަން އެނގުނު ކަމަށާއި ދެން އޭނާއަށް ވީ ނުވީއެއް ނޭނގޭ ކަމަށެވެ. އެ ވަގުތު އެތަނަށް ދެވުނީ އެ ކުޑަކުއްޖާގެ ސަލާމަތަަކަށް މެދުވެރިވީ މީހަކީ އޭނާ ކަމަށް ގަބޫލު ކުރިއެވެ.
ސުނާމީގައި އެރި ރާޅުގަނޑު އަރާ އެ ރާޅުގަނޑު ހިނދެން ނެގީ ފަސް ވަރަކަށް މިނެޓް ކަމަށް އަޒްހީމް ބުންޏެވެ. ގިނަ އިރުތަކެއް ވީ ނަމަ ތަންތަން ސަލާމަތުން ނުހުންނާނެ ކަމަށް އޭނާ ބުނެއެވެ.
ދެން ރަށުގެ ޒުވާން ފުރައިގެ މީހުންނާއެކު އަޒްހީމް ވެސް ދުވީ އޮޑި ވަޅުތަކާ ދިމާއަށެވެ. އެމީހުން އެތަންތަން ބަލަން ދިޔައީކީ ވެރިއަކު އަންގައިގެން ނޫން ކަމަށާއި އަމިއްލަ އަށް އިސްނަގައިގެން އެމީހަކަށް ކުރެވެން ހުރި ކަމެއް ކުރަމުން ދިޔައީ ކަމަށް އޭނާ ބުނެއެވެ.
އޮޑިވަޅުތަކުން ފެން ފައިބައިގެން ދާ އިރު މީހަކު ދޭތޯ ބަލަން ތިބި ކަމަށާއި، އެމީހުން ބަލަން ތިބި ސަރަހައްދުން އެއްވެސް މީހަކު ފައިބައިގެން ނުދާ ކަމަށް އޭނާ ބުނެއެވެ. ނަމަވެސް އެރަށުން ދެ ކުއްޖަކު މަރުވިއެވެ.
ސުނާމީ އަށް ފަހު ރަށު ތެރޭގެ ތަންތަން ސާފު ކުރުމުގައި ވެސް ރަށުގެ ޒުވާނުންނާ އެކު އަޒްހީމް ހަރަކާތްތެރިވިއެވެ. ރަށުގެ ބައެއް މީހުންގެ ހާލަތު ވަރަށް ގޯސް ކަމަށާއި، ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައި ގަބު ވެފައި ތިބި ކަމަށް އޭނާ ބުނެއެވެ. މުޅި ގޭތެރެއަށް ލޮނުވަދެ ހަޑިވެފައި ހުރި އިރު ވެސް އެތަން ސާފުކޮށް ކަމަކާ އުޅޭނެ ހިތްވަރެއް ވެސް ބައެއް މީހުންގެ ގައިގައި ނެތީއެވެ.
ރަށުތެރެ ސާފު ކުރުމުގައި އުޅެ ބައެއް އާއިލާތަކަށް ނިދޭނެ އިންތިޒާމްތައް ހަމަޖައްސާ ދިނުމުގައި މަސައްކަތް ކުރި ޒުވާނުންގެ ތެރެއިން އަޒްހީމް އަކީ ފާހަގަ ކޮށްލެވޭ އެކަކެވެ. ނަމަވެސް އެރޭ އިތުރު ނުތަނަވަސް ކަމަކާ ކުރިމަތި ލާން ޖެހުނު ކަމަށް އޭނާ ބުނެއެވެ.
އެ ދުވަހު އެރި ރާޅުން އެތައް ބައެއްގެ ދިރިއުޅުން ސުންނާފަތިވެގެން ގޮސް ހާލުގައި ޖެހިފައި ތިއްބާ އަނެއްކާ ރާޅު އަރަނީއޭ ބުނުމުން ބަޔާން ކުރަން ދަތި ބިރުވެރިކަމާއި ނާމާން ކަން ހިތަށް ވެރިވި ކަމަށް އޭނާ ބުނެއެވެ.
އިގުބާލެވެ. މިރަށުގައި ސުނާމީ އަރައިގެން ހީރޯއިންނަކީ ހަމަ އެކަނި އެންމެ ދެމީހުނެއްނޫން. ކުޑަކުޑަ ކުދިންނާއި މައިންނާއި ނޫކަށި ފުރައިގެ ޒުވާނުން ދެއްކި ހިތްވަރު ކޮބާ. ދެ އަވަށުގައިވެސް ހީރޯއިންތައް ބައިވަރު. ތިހެން ވަކި ބަޔަކު މޮޅުކުރަން ނޫޅޭ