ޖަޕާނުގެ މެދުތެރޭގެ އިޝިކާވާއަށް އައި ބާރުގަދަ ބިންހެލުމާއި، އަދި ސުނާމީއާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު، ޖަޕާނުގެ ބޮޑުވަޒީރު ކިޝިދާ ފުމިއޯއަށް ތައުޒިޔާ ގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް މުއިއްޒު ފޮނުއްވި މެސެޖުގައި، ޖަޕާނުގެ މެދުތެރެއަށް އައި ބާރުގަދަ ބިންހެލުމާއި، ސުނާމީގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލި، އެތައް ބައެއްގެ ގެދޮރު ގެއްލި، މުދަލާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަމުގެ ހަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުކަމުގައި ކަމަށް ވިދާޅުވިއެވެ.

ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ރައީސް މުއިއްޒުއާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޖަޕާނުގެ ބޮޑުވަޒީރަށާއި، ސަރުކާރުގެ އިތުރުން ރައްޔިތުންނަށް ހާއްސަގޮތެއްގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ވަރަށް އިހްލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން، އެމަނިކުފާނު ވަނީ ޖަޕާނުގެ ބޮޑުވަޒީރުގެ ޒައާމަތުގައި، މި ކާރިސާގައި ގެއްލިފައިވާ ފަރާތްތައް ހޯދުމާއި މީހުން ސަލާމަތްކުރުމުގެ އިތުރުން، އަލުން އެ ސަރަހައްދު އާރާސްތުކުރުމުގެ މަސައްކަތްތައް ހަރުދަނާގޮތެއްގައި ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ވިދާޅުވެފައެވެ. އަދި މި ކާރިސާއިން ގައުމު އަވަހަށް އަރައިގަތުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ.

ޖަޕާނަށް އައި ބިންހެލުމުގައި 20 މީހުން މަރުވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި އެތައް ބައެއްގެ ގެތައް ބިމާ ހަމަވެ، މި ހާދިސާގައި ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ.