ޑިސެމްބަރު 26، 2004 ވަނަ ދުވަހު ހިނގި ސުނާމީ ކާރިސާގެ ހަނދާނުގައި ރާއްޖެއަށް ސުނާމީ އެރި ވަގުތުގައި ސުކޫތެއް ބާއްވަން ނިންމައިފިއެވެ.

ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީން ސަރުކާރުގެ އެހެނިހެން ވުޒާރާތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނެފައިވާ ގޮތުގައި ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލި ދިޔަ މީހުންގެ ހަނދާނުގައިި މާދަމާ ހެނދުނު 9:23 ގައި މުޅި ރާއްޖޭގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނައުމަށް ނިންމައި ވަނީ އެކަން އަންގާފައެވެ.

މި ސާކިއުލާއާ ގުޅިގެން ހުރިހާ ވުޒާރާއަކުން ވެސް ވަނީ އެތަނެއްގައި މަސައްކަތް ކުރާ ސިވިލް ސާވިސް މުވައްޒަފުންނަށާއި ސިޔާސީ މުވައްޒަފުންނަށް ވެސް މި ސުކޫތުގައި ބައިވެރިވުމަށް އެދިފައެވެ.

ސުނާމީ ކާރިސާ ހިންގި ދުވަސް ޑިސެމްބަރު 26 ވަނަ ދުވަސް އަންނަނީ ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ގޮތުގައި ފާހަގަ ކުރަމުންނެވެ. އެ ދުވަހަކީ ޑިސެމްބަރު 26، 2004 ވަނަ އަހަރު އެރި ސުނާމީގައި ދިވެހިން ދެއްކި އެއްބައިވަންތަކަމާއި އަހުވަންތަކަމާ ގުޅިގެން ފާހަގަ ކުރާ ދުވަހެކެވެ.

މީގެ ވިހި އަހަރު ކުރިން، ޑިސެމްބަރު 26، 2004 ވީ އާދިއްތަ ދުވަހު ރާއްޖެއަށް އެރި ސުނާމީ އަކީ މުޅި ރާއްޖެ ދުށް އެންމެ ބިރުވެރި ނާމާން ކާރިސާއެވެ. އެ ދުވަހުގެ ފަތިހު އިންޑޮނޭޝިއާގެ ސުމަޓްރާއަށް އައި ބާރުގަދަ ބިން ހެލުމާއެކު އުފެދިގެން ދިޔަ ސުނާމީގެ އަސަރު ދުނިޔޭގެ އެތައް ގައުމަކަށް ކުރި އިރު، ބޮޑުވަރުވީ ގައުމުތަކުގެ ތެރޭގައި މި ކުޑަ ރާއްޖެ ހިމެނެއެވެ. އެ ދުވަހު ރާއްޖޭގެ 191 ރަށަކަށް ސުނާމީގެ އަސަރު ކޮށްފައިވާ އިރު، ބައެއް ރަށްރަށަށް އެރި ރާޅާއެކީ މުޅި ރަށް އެކީ ދޮވެލިއެވެ.

މި ހާދިސާގައި 13 އަތޮޅެއްގެ 28 ރަށަކުން މީހުން މަރުވި އިރު ދ އަތޮޅަކީ މި ކާރިސާގައި ބޮޑު ވަރުވީ އެއް އަތޮޅެވެ. އެ އަތޮޅުން ޖުމްލަ 13 މީހުން މަރުވި އިރު، ދ ގެމެންދޫން 8 މީހުން ވަނީ މަރުވެފައެވެ. ދ. ރިނބުދޫން 2 މީހުން އަދި ދ. ވާނީން އެކަކު މަރުވިއެވެ.