ސުނާމީ ކާރިސާއަށް 20 އަހަރު ފުރުމުގެ މުނާސަބަރުގައި 'ވިލުންތެރި 20- ސުނާމީ ކާރިސާއަށް ފަހު ރާއްޖެ' މި ޝިއާރުގެ ދަށުން ހަތަރު ދުވަހަށް ކުރިއަސް ދާ މައުރަޒެން ބާއްވަން ހަމަޖައްސައިފިއެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، މުޅި ދިރިއުޅުމަށް ލޮޅުން އަރުވާލި ބިން ހެލުމާއި އެކު އެރި ސުނާމީގައި ގެދޮރާއި، އޮޑިދޯނި ފަހަރާއި، ދިރިއުޅުމަށް ވީގޮތް މި މައުރަޒުން ފެނިގެން ދާނެ ކަމަށެވެ. އަދި އެކަމުން އަރައިގަތުމަށް އެހީތެރިކަމާއެކު އެކަކު އަނެކަކަށް ދިން އެއްބާރުލުމުގެ ތެރެއިން ދިވެހީންގެ ދިރިއުޅުން އަލުން ބިނާކޮށް ހަމަޖެހިގެން އައިގޮތް މައުރަޒުން ފެނިގެން ދާނެ ކަމަށެވެ.

ނެޝަނަލް އާޓް ގެލެރީގައި މި މައުރަޒު ކުރިއަށް ދާނީ އަންނަ ބުރާސްފަތު ދުވަހުން އާދިއްތަ ދުވަހަށެވެ. އެގޮތުން މައުރަޒު ހުޅުވިފައި ހުންނާނީ ބުރާސްފަތި އަދި ހުކުރު ދުވަހު ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ. ހަމައެއާއެކު ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު މައުރަޒު ހުޅުވިފައި ހުންނާނީ ހެނނދުނު 10:00 ހަވީރު 6:00 އަށެވެ. އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.

މީގެ ވިހި އަހަރު ކުރިން، ޑިސެމްބަރު 26، 2004 ވީ އާދިއްތަ ދުވަހު ރާއްޖެއަށް އެރި ސުނާމީ އަކީ މުޅި ރާއްޖެ ދުށް އެންމެ ބިރުވެރި ނާމާން ކާރިސާއެވެ. އެ ދުވަހުގެ ފަތިހު އިންޑޮނޭޝިއާގެ ސުމަޓްރާއަށް އައި ބާރުގަދަ ބިން ހެލުމާއެކު އުފެދިގެން ދިޔަ ސުނާމީގެ އަސަރު ދުނިޔޭގެ އެތައް ގައުމަކަށް ކުރި އިރު، ބޮޑުވަރުވީ ގައުމުތަކުގެ ތެރޭގައި މި ކުޑަ ރާއްޖެ ހިމެނެއެވެ. އެ ދުވަހު ރާއްޖޭގެ 191 ރަށަކަށް ސުނާމީގެ އަސަރު ކޮށްފައިވާ އިރު، ބައެއް ރަށްރަށަށް އެރި ރާޅާއެކީ މުޅި ރަށް އެކީ ދޮވެލިއެވެ.