ހުޅުމާލޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ބަނގުރަލާއެކު ދެ މީހުން ހައްޔަރުކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލެ ފޭސް 1 ގެ ޕޮލިސް ސްޓޭޝަނާއި އެއާޕޯޓު ޕޮލިސް ގުޅިގެން ހިންގި އެ ހާއްސަ އޮޕަރޭޝަނަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުުރުކުރި ކާރެއް މަޑުކުރަން އެއާޕޯޓު ޕޮލިހުން އެންގުމުން މަޑުނުކޮށް ދިއުމުން އެކާރު ހޯދުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

އެ އޮޕަރޭޝަނުގައި، ހުޅުމާލެ ފޭސް 1 ރީތިގަސްމަގުން އެ ކާރު ހުއްޓުވައި ބަލާ ފާސްކުރި އިރު 53 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެެވެ. މި މައްސަލައާ ގުޅިގެން 56 އަހަރުގެ ދިވެހި ފިރިހެނަކާއި ބިދޭސީ ފިރިހެނެއް ވަނީ ހައްޔަރު ކޮށްފައެވެ.

އަދި އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ދިވެހި މީހާ ތިންދުވަހަށް ބަންދުކުރުމަށް އަދި ބިދޭސީ މީހާ 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

މި މައްސަލަ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.