ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރުމަށް ހަމަޖެހިފައިވާ މީހުން ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެމްއޭސީއެލް އިން އިލްތިމާސް ކޮށްފިއެވެ.

އެމްއޭސީއެލް އިން ވަނީ ދިގު ކިޔޫތަކާއި ލަސްވުން ފަދަ ކަންކަމުން ސަލާމަތްވުމަށްޓަކައި ބައިނަލްއަގްވާމީ ފްލައިޓްތަކުގެ 3 ގަޑިއިރު ކުރިން އަދި އެތެރޭގެ އުދުހުންތަކުގެ 2 ގަޑިއިރު ކުރިން ހުރިހާ ފަސިންޖަރުން އައުމަށް އިލްތިމާސްކޮށްފައެވެ.

މިދުވަސްވަރު ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަމުން ދާތީ އާއި އުމްރާއަށް އަދި ޗުއްޓީއަށް މީހުން ފުރާތީ ވަރަށް ބޮޑަށް އެއާޕޯޓް ތެރެ ތޮއްޖެހި، ޓްރެފިކް ބޮޑުވެފައެވެ.

އެހެން ކަމުން އެއާޕޯޓުގައި އާންމުންނާއި ފުރާމީހުން ހަރަތާކްތެރިވަމުން ދާ އިރު އެމްއޭސީއެލްގެ މުވައްޒަފުންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އެމްއޭސީއެލް އިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި އެއާޕޯޓްތެރޭގައި ތޮއްޖެހުން ކުޑަ ކުރުމަށް، މީހުން ފުރުވަން ދާއިރު ވީހާ ވެސް މަދު ބަޔަކު ދިޔުމަށް ވެސް އެމްއޭސީއެލް އިން ވަނީ އެދިފައެވެ.

ކޮންމެ އަހަރަކުވެސް މިދުވަސްވަރާ ދިމާކޮށް އެއާޕޯޓް ތެރެ ތޮއްޖެހެއެވެ. އެއީ މިދުވަސްވަރަކީ ސްކޫލްތައް ވެސް ބަންދުވާ ދުވަސް ވަރަށް ވެފައި ޓޫރިސްޓުންގެ ޕީކް ސީޒަންގެ އިތުރުން ގިނަ ބަޔަކު އުމްރާއަށް ވެސް ފުރާ ދުވަސް ވަރަކަށް ވާތީއެވެ. އެހެންކަމުން އަންނަ މީހުންގެ އިތުރުން އެކި ތަންތަނަށް ފުރާ މީހުން ވެސް ވަނީ އިތުރުވެފައެވެ.

އެއާޕޯޓުގެ ޓްރެފިކް ތޮއްޖެހުން ބޮޑުވާ ދުވަސްކޮޅު ޓްރެފިކް ފްލޯ އޮމާންކޮށް ކުރިއަށް ދާނެކަން ކަށަވަރުކުރުމަށްޓަކައި އިތުރު ފުލުހުން ވެސް ހަރަކާތްތެރި ވެއެވެ.