ރާއްޖޭގައި ހިންގާ އެންމެ ބޮޑު ޕަވާ ޕްރޮޖެކްޓް އަންނަ އަހަރު ފަށާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިހެން ވިދާޅުވީ، ސްޓެލްކޯއަށް 74 އަހަރު ފުރުމާ ގުޅިގެން ދެއްވި ހާއްސަ މެޖެސެއްގައެވެ.

ފަހުމީ ވިދާޅުވީ، އަންނަ އަހަރަކީ ސްޓެލްކޯއަށް 75 އަހަރު ފުރޭ އަހަރަށް ވުމުން އަންނަ އަހަރު ސްޓެލްކޯގެ އެންމެ ބޮޑު ޕަވާ ޕްރޮޖެކްޓް ފަށާނެ ކަމަށެވެ. އެ ޕްރޮޖެކްޓާއި ގުޅުވައިގެން މި ސިނާއަތުގައި މަސައްކަތް ކުރާނެ މީހުން ތަމްރީނު ކުރުން ވެސް ބޮޑު ޕްރޮޖެކްޓެއްގެ ގޮތުގައި ހިންގަާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

މި އަންނަ އަހަރު 100 މެގަވޯޓް ޕަވާޕްލާންޓެއް އަޅައި އެކަމުގެ މަސައްކަތް ފަށާނެ ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ. އޭގެ ތެރެއިން ރަނގަޅު އަދަދަކަށް ޒުވާނުންނަށް ސްކޮލާޝިޕް ލިބޭނެ މަގުފަހިކޮށްދެއްވާނެ ކަމަށާއި އެ ސްކޮލާޝިފްގައި ފިރިހެން މުވައްޒަފުންނާއި އެއްފަދައިން ކަނބަލުންނަށް ވެސް ބައިވެރިވެވޭނެ ފުރުސަތު ދެއްވާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

އޭގެ ތެރޭގައި ހަމައެކަނި ފިރިހެން ބޭފުޅުންނެއް ނޫން މިހިމެނެނީ. ކަނބަލުންނަށްވެސް އެފުރުސަތު އޮތްވާހަކަ އަަޅުގަނޑު މިފުރުސަތުގައި ދަންނަވާލަން. ފިރިހެން ބޭފުޅުންނެކޭ އެއްފަދައިން ކަނބަލުންނަށްވެސް ބައިވެރިވެވޭގޮތަށް ސްކޮލާޝިޕް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދޭނަން މިއަންނަ އަހަރު.
ފަހުމީ

ފަހުމީ ވިދާޅުވީ، ސްޓެލްކޯއިން ހިދުމަތް ދިނުމުގައި ވަކި މީހަކަށް ނުބަލާނެ ކަމަށާއި، ހިދުމަތް ދިނުމުގައި ބަލަނީ އަދަށްވުރެ ފަހި މާދަމާއަކަށް ހިދުމަތްދިނުމުގެ ގޮތް ކަމަށެވެ.

މީގެ އިތުރުން މިހާރުދޭ ހިދުމަތް އިތުރަށް ފުރިހަމަކުރުމަށް އިތުރު މަސައްކަތްތަކެއް ވެސް ކުރަމުންދާ ކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ.