ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، ހުސެއިން ފަހުމީ ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް ހަމަޖައްސައިފި އެވެ.
ސްޓެލްކޯގައި 27 އަހަރު ހޭދަކުރެއްވި ފަހުމީ ވަކިކޮށް، އެ މަގާމަށް މިފްކޯއިން ވަކިކުރި އަހުމަދު ޝަމާހް ރަޝީދު އައްޔަން ކުރީ ރޭގެ ވަގުތެއްގައެވެ.
ނަމަވެސް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން ފަހުމީ ވަކިކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައި ނުވެއެވެ.
މިއަދު ރައީސް އޮފީހުން ބުނީ، ފަހުމީ ރައީސް އޮފީހުގެ މަގާމަކަށް އައްޔަންކުރައްވާފައިވާ ކަމަށެވެ. އެގޮތުން، އޭނާ އައްޔަންކުރައްވާފައިވަނީ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް ކަމަށް އެ އޮފީހުން ބުނެއެވެ. އެ މަގާމަކީ މިނިސްޓަރުން ފެންވަރުގެ މަގާމެކެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ތަޖުރިބާކާރު ހުސައިން ފަހުމީ އައްޔަން ކުރީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އިނގިރޭސިވިލާތުން ތައުލީމް ހާސިލް ކުރައްވާފައިވާ ހުސައިން ފަހުމީ އަކީ ވިޔަފާރިއާއި އެކައުންޓިންގެ ތަޖުރިބާކާރެކެވެ. އަދި ލައިސަންސް ޓެކްސް އޮޑިޓަރެއްވެސް މެއެވެ.
1998 ވަނަ އަހަރުން ފެށިގެން ސްޓެލްކޯގައި ހިދުމަތް ކުރައްވަމުން ގެންދަވާ ފަހުމީ މިހާތަނަށް ވަނީ އެ ކުންފުނީގައި 27 އަހަރު ހިދުމަތް ކުރައްވާފައެވެ. އަދި ފަހުމީ ވަނީ އޮޑިޓިންގެ ދާއިރާއާއި އެކައުންޓްސްގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހާސިލް ކުރައްވާފައެވެ.
ފަހުމީ މަގާމުން ވަކިކުރިކަން ޕީސީބީން ހާމަ ކުރުމާއެކު އޭނާ ރޭ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަނީ 27 އަހަރު މަސައްކަތް ކުރައްވާފައިވާ ކުންފުނި ހިންގެވުމަށް ދެއްވި ފުރުސަތަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، ސްޓެލްކޯގެ ކާމިޔާބީގެ ފަހަތުގައި ތިބި ބަޔަކީ މުވައްޒަފުންކަން ފާހަގަކުރައްވައި، އެ އެންމެންގެ ބުރަ މަސައްކަތަށް ވެސް ޝުކުރުވެރިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.