ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުން ހުސެއިން ފަހުމީ ވަކިކޮށްފިއެވެ.

ފަހުމީ އެ މަގާމުން ވަކި ކުރިކަން ހާމަކޮށް ޕްރައިވަޓައިޒޭޝަންގެ ކޯޕަރޭޝަނުގެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުން މ. ފަތަހަ، ހުސެއިން ފަހުމީ ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް ފަހުމީ އެ މަގާމުން ވަކިކުރީ ކޮން ސަބަބަކާ ހުރެ ކަމެއް އެ ކޯޕަރޭޝަނުން ހާމަކޮށްފައި ނުވެއެވެ.

އަދި ހަމަ އެހެންމެ މަގާމަށް ޝަމާހު ރަޝީދު އައްޔަން ކުރައްވާފައިވާ ކަމަށް ވެސް އެ ބޯޑުން ވަނީ ހާމަކޮށްފައެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ތަޖުރިބާކާރު ހުސައިން ފަހުމީ އައްޔަން ކުރީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އިނގިރޭސިވިލާތުން ތައުލީމް ހާސިލް ކުރައްވާފައިވާ ހުސައިން ފަހުމީ އަކީ ވިޔަފާރިއާއި އެކައުންޓިންގެ ތަޖުރިބާކާރެކެވެ. އަދި ލައިސަންސް ޓެކްސް އޮޑިޓަރެއްވެސް މެއެވެ.

1998 ވަނަ އަހަރުން ފެށިގެން ސްޓެލްކޯގައި ހިދުމަތް ކުރައްވަމުން ގެންދަވާ ފަހުމީ މިހާތަނަށް ވަނީ އެ ކުންފުނީގައި 25 އަހަރު ހިދުމަތް ކުރައްވާފައެވެ. އަދި ފަހުމީ ވަނީ އޮޑިޓިންގެ ދާއިރާއާއި އެކައުންޓްސްގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހާސިލް ކުރައްވާފައެވެ.

ސްޓެލްކޯގެ ހިންގުން އަލަށް ހަވާލު ކުރި ޝަމާހުއަކީ މީގެ ކުރިން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ސީއީއޯގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. މިފްކޯގެ އެމްޑީ ކަމުން ޝަމާހު ވަކިކުރީ މިދިޔަ އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހުއެވެ.

އޭރު އޭނާއަށް ވަނީ ބޮޑެތި ތުހުމަތު ތަކެއް ވެސް ކޮށްފައެވެ. އެގޮތުން އެ އަހަރުގެ މާޗް މަހު ވަނީ ކޯޕަރެޓް ގަވަނަންސްގެ މައްސަލަަތަކަކާ ގުޅިގެން ދެ ހަފްތާއަށް ސަސްޕެންޑުވެސް ކޮށްފައެވެ.

އެ މައްސަލަތަކުގެ ތެރޭގައި އޭނާގެ އާއިލީ ގުޅުން އޮންނަ ފަރާތްތަކާއި ރައްޓެހިންނަށް ކުންފުނީގެ ވަޒީފާ ދިނުން ފަދަ ބޮޑެތި ތުހުމަތުތައް ހިމެނެއެވެ. މިފްކޯގެ ސީއީއޯގެ މަގާމުން ވަކިކުރުމަށްފަހު ޝަމާހު ދެން ހުންނެވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ.