ޕޯޓްތައް އަވަހަށް ކްލިއާ ކުރުމަށް ވިޔަފާރިވެރިންގެ ސައިޓަށް ކޮންޓެއިނާސް ފޮނުވުމަށްފަހު ބަލާ ފާސްކުރަން ނިންމާފައިވާ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާނިއު ވިދާޅުވީ އެ އިދާރާއިން "އޭއޯއީ"ގެ ނަމުގައި އިނީޝިއޭޓިވްއެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެ އިނީޝިއޭޓިވްއާއެކު ބޮޑެތި ވިޔަފާރިވެރިންގެ ކޮންޓެއިނާސް އެމްޕީއެލްއިން ބަލާ ފާސްކުރުމުގެ ބަދަލުގައި ކޮންޓެއިނާސްގައި ތަޅު އެޅުވުމަށްފަހު އެ ވިޔަފާރިވެރިންގެ ސައިޓަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ އިނީޝިއޭޓިވްއާއެކު މަސައްކަތް ކުރަން ހަަމަޖެހިފައިވާ ގޮތަކީ ކޮންޓެއިނާސް ވިޔަފާރިވެރިންގެ ސައިޓަށް ފޮނުވުމަށްފަހު، ވިޔަފާރިވެރިން އެދޭ ގަޑިއެއްގައި ކަސްޓަމްސް އޮފިސަރަކު އެތަނަކަށް ގޮސް ކޮންޓެއިނާސް ބަލާ ފާސްކުރުން ކަމަށް މާނިއު ވަނީ ވިދާޅުވެފައެވެ. އަދި މި ބަދަލާއެކު އަވަސްގޮތެއްގައި އެމްޕީއެލް ކްލިއާކޮށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ލިބިގެންދާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މާނިއު ވިދާޅުވީ މި ބަދަލާއެކު ކުދި ވިޔަފާރިވެރިންނަށް ކޮންޓެއިނާސް ކްލިއާ ކުރުމުގެ ފުރުސަތު އަވަހަށް ލިބިގެންދާނެ ކަމަށާއި ޑެމަރޭޖް ޗާޖަސް ވެސް މަދުވެގެންދާނެ ކަމަށެވެ.

މީގެއިތުރުން އޭނާ ވަނީ ކަސްޓަމްސްގެ މަސައްކަތްތައް އެއްކޮށް ޑިޖިޓަލައިޒް (ޕޭޕާލެސް) ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ހުރިހާ ލިޔެކިޔުން އޮންލައިންކޮށް ހުށަހަޅާނަމަ، ކަސްޓަމް އޮފިސަރުން އަދި އާންމު ރައްޔިތުންނާ ދިމާނުވާނެ ކަން ފާހަގަ ކުރައްވާ މާނިއު ވިދާޅުވީ 2 ފަރާތުން ދިމާނުވާނަމަ ވަކި ބައެއްގެ އެއްޗެއް ކުރިން ކްލިއާ ކުރުމާއި ވަކި ބައެއްގެ އެއްޗެއް ފަހުން ކްލިއާ ކުރުމުގެ މައްސަލަތައް ދިމާނުވާނެ ކަމަށެވެ.

އެފަދަ މައްސަލަތައް ދިމާވަނީ މަސައްކަތް ކުރާ މީހުން އަދި މަސައްކަތް ހަވާލު ކުރާ މީހުން ދިމާވާތީ ކަމަށާއި ޑިޖިޓަލައިޒްކޮށް މަސައްކަތް ކުރިއަށް ގެންދަން ފެށުމުން ކްލިއާ ކުރަމުންދާނީ ޑިޖިޓަލް ސިސްޓަމް ތެރެއިން ހުށަހަޅާފައިވާ ތަރުތީބުން ކަމަށް އޭނާ ވިދާޅުވިއެވެ.

މާނިއު ވިދާޅުވީ ކަސްޓަމްސްއިން އަދި ކުރިއާ ސާވިސްއިން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުމުގެ 6 ކޭސްއެއް ބަލާފައިވާ ކަމަށެވެ. އަދި އޭގެތެރެއިން 4 ކޭސްއަކީ ކުރިއާ މެދުވެރިކޮށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރި ކޭސްތައް ކަމަށްވާއިރު 2 ކޭސްއަކީ ފަސިންޖަރުން، މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރި ކޭސް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ 2 މީހުންގެ އަތުން 6.9 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.