ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ތިންލައްކަ އަށް ވުރެ ގިނަ ޑޮލަރު ހިފަހައްޓާފައިވާ ކަަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވީ، ރާއްޖެއަށް އެތެރެ ކުރާ ނުވަތަ ބޭރު ކުރާ ނަގުދު ފައިސާ ރިޕޯޓު ކުރުމުގެ ގަވާއިދާ ހިލާފަށް، ކަސްޓަމްސްއަށް ފައިސާ ރިޕޯޓު ނުކޮށް ޑޮލަރު ބޭރުކުރަން އުޅުނު 5 ފަރާތެއްގެ މައްސަލަ އެ އިދާރާއިން ބަލަމުންދާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 3 މީހުންނާއި އިންޑިއާ މީހެއްގެ އިތުރުން ލަންކާ މީހެއް ކަމަށް ދިޔާނާ ވިދާޅުވިއެވެ. އެގޮތުން މި މައްސަލަތުން ޖުމްލަ 3،20171 ޑޮލަރު ކަސްޓަމްސް އިން އަތުލައިގަނެފައިވާ ކަމަށް ދިޔާނާ ވިދާޅުވިއެވެ.

އަދި ކަސްޓަމްސްގެ ގަވާއިދުގެ ދަށުން އެ ފަރާތްތައް ޖޫރިމަނާކޮށް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަަމަށްވެސް ދިޔާނާ ވަނީ ވިދާޅުވެފައެވެ.

ފަހަކަށް އައިސް މިފަދައިން ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރު ކުރަން އުޅޭ މައްސަލަތައް އިތުރުވަމުންދާއިރު ދާދިފަހުން ކޯންފްލޭކްސް ޕެކެޓެއް ތެރޭ ފޮރުވައިގެން ރާއްޖެއިން ބޭރަށް ގެންދަން އުޅުނު 81،030 ޑޮލަރު ދައުލަތަށް ވަނީ ނަގާފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށް ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުމުގެ ކުށުގެ ދައުވާކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޝަހްމިން އިސްލާމް ޝަގުރްއަށެވެ. އޭނާ ހައްޔަރުކުރީ މިދިޔަ އޮގަސްޓު މަހުގެ 25 ވަނަ ދުވަހު 13:53 ހާއިރު، ބަންގްލަދޭޝްއަށް ފުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް ހުއްޓައެވެ.