ޖަޕާނު ސަރުކާރުން ދިވެހި ސަރުކާރަށް ހަދިޔާ ކުރި ކާރަކަށް ކަސްޓަމްގެ ވެރިޔާ ކޮމިޝަނާ ޖެނެރަލް ޔޫސުފު މާނިއު އަމިއްލަ ހަރަދުގައި ބަދަލު ގެންނަވައިފިއެވެ.

ކާރަށް ބަދަލުގެނައި ވާހަކަ ސޯޝަލް މީޑިއާގައި އާންމުވުމުން މާނިއު އެކްސްގައި ވިދާޅުވީ, ކާރަށް ބަދަލު ގެންނެވީ އަމިއްލަ ހަރަދުގައި ކަމަށާއި ކާރުގައި ރަންކުލައިގެ ފަށެއް ދަމާ ހެދީ ކަސްޓަމްގެ ބޯޑާ ޕްރެޓެކްޝަން ލޯގޯއާ އެއްގޮތް ކުރުމުގެ ގޮތުން ކަމަށެވެ. އާ ލޯގޯ އޮންނަނީ ރަން ކުލައިން ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ދިވެހި ދައުލަތުގެ މުދަލަކަށް އަމިއްލަ ހަރަދުގައި ބަދަލު ގެނައުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން މާނިއުއަށް އަމާޒުވުމުން އޭނާވަނީ ކުރެއްވުނު ކަންތަކަށް މައާފަށް އެދިވަޑައިގެން ކާރަށް ގެނައި ބަދަލު އިހު އޮތް ގޮތަށް އިއާދަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ރަންކުލައިން ފަށް ދަމާ ބަދަލު ގެނައި ކާރާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވުމުން މާނިއު ރައްދު ދީފައި

ކާރަށް ގެނައި ބަދަލާ ގުޅިގެން ސޯޝަލްމީޑިއާގައި ފާޑުކިއި ބައެއް ފަރާތްތަކުން ބުނީ, މާނިއު ކާރުގައި ކަޅު ޕެއިންޓް ކޮށް ރަން ކުލައިގެން ފަށް ދަމާ ހެދީ 'ބެޓްމޭން" އާ ވައްތަރުވާން ވެގެން ކަމަށެވެ.