ކަސްޓަމްސްގެ ދާއިރާގައި ނަޒާހަތްތެރިކަން ކުރިއަރުވައި މަސައްކަތުގައި އެއްބާރުލުން ދިނުމަށް ދާއިރާތަށް ކަނޑައަޅައި، ގުޅިގެން މަސައްކަތް ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނާއި ކަސްޓަމްސްއާ ދެމެދު ފަހުމުނަމާއެއްގައި ސޮއިކޮށްފިއެވެ.

ކަސްޓަމްސްގައި ބޭއްވި ރަސްމިއްޔާތުގައި އެ އެމްއޯޔޫގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލްއެވެ. އަދި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އަބްދުﷲ ޝަރީފުއެވެ.

އޭސީސީއިން ބުނީ އެ ފަހުމުނާމާއަކީ ކަސްޓަމްސް ދާއިރާގައި ނަޒާހަތްތެރިކަން ކުރިއަރުވައި އިދާރީ ހިންގުމުގެ ތެރެއިންނާއި ހިދުމަތް ދިނުމުގައި ކޮރަޕްޝަނަށް އޮތް ހިރާސް ކުޑަކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށާއި އެފަދަ ގޮންޖެހުން ބޮޑު މަސައްކަތްތަކެއް ކުރިއަށް އޮތް ތަނުގައި ވަކި މިސްރާބެއް ކަނޑައެޅިގެން ކުރުމަށް ދެފަރާތުގެ މެދުގައި ވެވުނު އެއްބަސްވުމެއް ކަމަށެވެ.

އެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް ވިދާޅުވީ އޭސީސީން ދައުލަތުގެ އިދާރާތަކާއެކު ސޮއިކުރާ އެ ފަދަ ކޮންމެ އެއްބަސްވުމަކީ ވެސް ގިނަ ދުވަސްތަކެއްގެ މަތިން ކުރެވޭ މުހިއްމު މަޝްވަރާ ތަކަކަށްފަހު އިދާރާތަކުގެ މަސައްކަތްތައް ހަލުއިކޮށް، އިތުބާރު ހިފޭ ފަސޭހަ ނިޒާމެއްގެ ތެރެއިން ހިދުމަތް ފޯރުކޮށްދިނުމަށް ސޮއިކުރާ މުހިއްމު އެމްއޯޔޫތަކެއް ކަމަށެވެ.

އަބްދުﷲ ޝަރީފު ވިދާޅުވީ ކަސްޓަމްސްގެ މުވައްޒަފުންގެ މެދުގައި ނަޒާހަތްތެރިކަން ކުރިއަރުވައި އެ ދާއިރާއިން އެންމެ އެދެވޭ ގޮތެއްގައި ހިދުމަތް ދިނުމުގެ ކަންކަން ބައްޓަން ކުރުމަށް އޭސީސީގެ ފަންނީ ލަފާ ކަސްޓަމްސްއަށް ލިބެމުންދާ ކަމަށާއި ސޮއިކުރެވުނު އެމްއޯޔޫގެ ސަބަބުން އެ މަސައްކަތްތައް އިތުރު ހަރުފަތްތަކަށް ކުރިއަރައިގެން ދާނެ ކަމަށެވެ.