މިދިޔަ މަހެއްހާ ދުވަސް ތެރޭގައި ގާނޫނުގައި ހިމަނާފައި ނެތް 8 ބާވަތެއްގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ކަމަށްި ފުލުހުންގެ ކޮމާންޑަރު ޗީފް ސުޕްރިޓެންޑެންޓު އަހްމަދު ޝާކިރު ވިދާޅުވެއްޖެއެވެ.
ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ތިން ޓާސްކް ފޯސްއެއް އުފެއްދެވިއިރު އޭގެ ތެރޭގައި ޑްރަގް ޓާސްކް ފޯސްއެއް ވެސް ހިމެނެއެވެ.
ހޯމްލެންޑް މިނިސްޓްރީއިން އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ މިނިސްޓްރީތަކާއެކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާކިރު ވިދާޅުވީ އެ ޓާސްކް ފޯސް އުފެދުމުގެ ފަހުން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން 13 މިލިއަން ރުފިޔާގެ ރަލާއި މަސްތުވާތަކެތި ހޯދާފައިވާއިރު ހިންގި އޮޕަރޭޝަން ތަކުގެ ތެރޭގައި 39 ސަފާރީއެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އެއާއެކު އެކީގައި ގަވާއިދާ ހިލާފަށް އޮޕަރޭޓްކުރަމުންދާ ކަމަށް ފާހަގަކުރެވުނު ސަފާރީތަކުގައި ހުރި ރާ ފަދަ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ޝާކިރު ވިދާޅުވިއެވެ.
ޝާކިރު ވިދާޅުވީ ގަވާއިދާ ހިލާފަށް ހުޅުމާލޭގެ ފަޅު ތެރޭގައި ބައެއް ސަފީރީތައް އޮޕަރޭޓްކުރަމުންދާ ކަމަށާއި މާފުށީ ކައިރީގައި އޮޕަރޭޓްކުރަމުންދާ ސަފާރީއެއް ހިމެނޭ ކަމަށެވެ. އަދި ކޯޓު އަމުރުގެ ދަށުން އެ މުއްދަތުގެ ތެރޭގައި 8 އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު ކަސްޓަމްސްއާއި ޕޯސްޓް އަދި ކްލިއަރެންސް ސާވިސްގެ ތެރޭގައި ހަތަރު އޮޕަރޭޝަނެއް ހިންގިފައިވާނެ ކަމަށް ޝާކިރު ވިދާޅުވިއެވެ.
ޝާކިރު ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި 5 ވެހިކަލެއް ޓޯ ކުރެވިފައިވާ ކަމަށާއި އެއީ މަސްތުވާތަކެތި ބަހައްޓައިގެން އޭގެ ވިޔަފާރިކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވާ ވެހިކަލްތަކެއް ކަމަށެވެ. އަދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ނުވަތަ މަސްތުވާތަކެތި ބޭނުންކޮށްގެން މަގުމަތީގައި އުޅޭ ކަމަށް ބެލެވޭ 907 މީހުން ބަލާ ފާސްކުރެވިފައިވާނެ ކަމަށްވެސް ޝާކިރު ވިދާޅުވިއެވެ.
އެ އޮޕަރޭޝަންތަކުގެ ތެރޭގައި 34 ދިވެއްސަކު ހައްޔަރުކުރެވި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން ފާހަގަކުރައްވާ ޝާކިރު ވިދާޅުވީ ދަޅާއި ފުށި ހިމެނޭހެން އަތުލެވުނު ބަނގުރަލުގެ އަދަދަކީ 1063 ކަމަށާއި އެ މުއްދަތުގެ ތެރޭގައި 7 ކިލޯއަށްވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލާގަނެވިފައިވާ ކަމަށެވެ.
ޝާކިރު ވިދާޅުވީ މަސްތުވާތަކެތީގެ ގޮތުގައި ބަލަނީ މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލުގައި ބަޔާންކޮށްފައިވާ ތަކެތި ކަމަށާއި އެހެންނަމަވެސް އެ މުއްދަތުގެ ތެރޭގައި ޖަދުވަލުގައި ނުހިމެނޭ ތަފާތު 8 ބާވަތެއްގެ އިތުރު މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށެވެ. އަދި އެތަކެއްޗަކީ ޔޫއެންއޯޑީސީގެ ގައިޑްލައިންތަކުގައާއި ބެސްޓް ޕްރެކްޓިސްގައިވެސް މަސްތުވާތަކެތި ކަމަށް ހުރިހާ ހާލަތެއްގައި ވެސް ބަލާ މަސްތުވާތަކެތީގެ ބާވަތްތައް ކަމަށާއި އެހެންނަމަވެސް ގާނޫނުގެ ޖަދުވަލުގައި އެކަން ހިމެނިފައި ނުވާތީ ގާނޫނީ މަސައްކަތް ކުރުމުގައި ހުރަސްތައް ހުރި ކަމަށް ޝާކިރު ވިދާޅުވިއެވެ.
ޝާކިރު ވިދާޅުވީ ކްލިއަރަންސީގައި މަސައްކަތްކުރާ އެޖެންސީތައް ނަހަމަގޮތުގައި ބޭނުންކުމުގެ ޓްރެންޑެއް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތައް ގެންގުޅޭކަން އެ މުއްދަތުގައި ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެފަދަ އެޖެންސީތަކަށް އިތުރަށް މިކަމުގައި ސަމާލުވުމަށާއި އަދި ކޮންމެ މީހެއްގެ މުދާ ކްލިއާ ކޮށްދިން ކަމުގައި ވިޔަސް ކުރެވެނީ ކޮން ކަހަލަ މުދަލެއްކަން ޔަގީންކުރުން މުހިއްމު ކަމަށް ޝާކިރު ވިދާޅުވިއެވެ.