ޕީއެންސީއިން މަސައްކަތް ކުރީ ޕާޓީއަށް 10،000 މެންބަރުން ހަމަކުރުމުގެ ނިޔަތުގައި ނޫން ކަމަށާއި އެ ޕާޓީއިން މަސައްކަތް ކުރީ ރައީސް އަބްދުﷲ ޔާމީން ސިޔާސީ މައިދާނުން ދުރުކުރަން ކަމަށް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ޕީޕަލް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުން ވޯޓު ދެއްވީ ކުރީ ސަރުކާރާ ބެހޭ ގޮތުން ދެއްކި ވާހަކަތައް ތަކުރާރު ނުވާނެ ކަމުގެ އުންމީދުގައި ކަމަށެވެ.

ރައީސް ޔާމީން އެންޑޯސްކުރެއްވި ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވާ، ކޮންމެ ޖަލްސާއެއް ފެއްޓެވީ އެމަނިކުފާނު ޖަލުގައި ހޭދަ ކުރެއްވި ދުވަސްތަކުގެ ވާހަކައިން ކަމަށްވީ ނަމަވެސް މިއަދު އެ ވާހަކަ ދެއްކެވުން ހުއްޓާލާފައިވާ ކަމަށް މަލީހް ވިދާޅުވިއެވެ.

ލީޑާޝިޕް ނަމުގައި ކުރީ ގޮނޑިބަރީގައި ތިއްބެވި އަބްދުއްރަހީމް، ގައްސާން، ޝިޔާމް، ސައީދު، އާދަމް ޝަރީފް މި ބޭފުޅުން ކޮބާތޯ؟ ކީއްވެތޯ މިއަދު ނެތީ؟ ޕީޕީއެމް-ޕީއެންސީއަކީ ވިއްސާރަ ދުވަހެއްގައި ތުރުކުރައްވަން އޮތް ވިއްސާރަކޯޓެއްތޯ؟ ގެއާ ހަމައަށް ނުވަތަ ވިއްސާރައިން އެކަހެރިވާ ހިސާބަކަށް ދެވުނީމަ ބާލައިފަ އެއްލާލާ އެއްޗެއްތޯ؟
މަލީހް

ކުރިން ދެއްކެވީ އެމްޑީޕީ ސަރުކާރުގެ އަނިޔާވެރި ކަމުގެ ވާހަކަކަން ފާހަގަ ކުރައްވާ މަލީހް ވިދާޅުވީ މިއަދު ދައްކަވަން ޖެހެނީ އެމްޑީޕީގެ ރަނގަޅު ވާހަކަ ކަމަށެވެ. ވެރިކަމުގެ ފަހުކޮޅު ރައީސް ޔާމީނަށް ލުއިތަކެއް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްކަން މަލީހް ވަނީ ފާހަގަ ކުރައްވާފައެވެ. މިހާރު ތިއްބެވީ ކުރިން ތިއްބެވި މިނިސްޓަރުން އަދި ކުރިން ހުންނެވި ކޮމިޝަނާ އޮފް ޕޮލިސް ނޫން ކަމަށްވާއިރު ރައީސް ޔަމީންއަށް ލުއި ނުދެއްވިގެން އުޅެނީ ކީއްވެތޯ މަލީހް ވަނީ ސުވާލު އުފައްދަވާފައެވެ.

އެމްޑީޕީގެ ސަރުކާރުގަ ރައީސް ޔާމީން ޖަލަށް ވަޑައިގަންނަވަން ޖެހުމުން ވަޑައިގެންނެވީ ޕީޕީއެމް-ޕީއެންސީގެ ތަޅުދަނޑި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އަށް ހަވާލު ކުރައްވާފައި ކަމަށާއި އާހިރުގައި ރައީސް ޔާމީން ވަޑައިގެންނެވިއިރު ޕާޓީ އަދި ޕާޓީގެ ލީޑާޝިޕް ވެސް ނެތް ކަމަށް މަލީހް ވިދާޅުވިއެވެ.

ވެރިކަމަށް މަހެއް ވެގެން ދިޔައިރު ކޮބާތޯ ހުސްގޮނޑިކޮޅުގަ އިންނެވި ރައީސް ޔާމީން؟ ކޮންތާކުތޯ ހުންނެވީ؟ ކޮބާތޯ ފްރީ ޕްރެޒިޑެންޓް ޔާމީން؟
މަލީހް

މަލީހް އިތުރަށް ވިދާޅުވީ ޕީޕީއެމް ފައްތާލަން މާ ކުރިން ރޭވިފައި އޮތް ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ސިޔާސީ މަސައްކަތް ނުހުއްޓުވޭނެ ކަމަށާއި ރައީސް ޔާމީން އެނބުރި ވަޑައިގަންނަވާނީ ގަދަކޮށް ކަމަށެވެ. އަދި މި ގައުމުގެ މެޖޯރިޓީ އޮތީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކަމަށާއި އަދުރޭ އަދި ރައީސް މުއިއްޒުއަށް އެމަނިކުފާނު ސިޔާސީ ގޮތުން އެކަހެރި ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން ވަގުތުން މިނިވަން ކުރުމަށް ގޮވާލައްވާ މަލީހް ވިދާޅުވީ ގޭގައި ތިއްބެވި ނަމަވެސް މަގުމައްޗަށް ނުކުންނަން ޖެހިއްޖެނަމަ ނުކުންނަވާނެ ކަމަށެވެ. އަދި އިންޑިއާ ސިފައިން ގުނަންޖެހިއްޖެނަމަ، ހިލޭ ސާބަހަށް އެކަން ކޮށްދެއްވާނެ ކަމަށެވެ.