އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށްލައި އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފިއެވެ.

އެކަން ކަށަވަރުކޮށްދީ ފުލުހުންގެ މީޑިއާ އޮފިޝަލަކު "ދަ ޕްރެސް" އަށް ވިދާޅުވީ ޕޯސްޓުމޯޓަމް ހެދުމަށް އެ ކުއްޖާގެ ހަށިގަނޑު އިއްޔެގެ ވަގުތެއްގައި އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށެވެ.

މި މަހުގެ 3 ވަނަ ދުވަހު ހެނދުނު އެ ރަށުގެ ކުނިގޮނޑުން އެ ކުއްޖާ ފެނިފައިވާއިރު ފެނުނު އިރުވެސް އެ ކުއްޖާގެ ފުރާނައެއް ނެތެވެ. އެ މައްސަލައާ ގުޅިގެން ސްރީލަންކާ އަންހެނަކު ހަމަ އެ ދުވަހު ހައްޔަރުކޮށްފައިވާއިރު ޖެހިގެން އައި ދުވަހު އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ހައްޔަރުކޮށްފައިވަނީ ކުއްޖާގެ މަންމަ ކަމަށް ތުހުމަތުކުރެވޭ އެ ރަށު ބްލިސް ގެސްޓް ހައުސްގައި މަސައްކަތް ކުރަމުންދިޔަ 30 އަހަރުގެ ސްރީލަންކާ އަންހެނެކެވެ. އެ މީހާ ހައްޔަރުކޮށްފައިވަނީ ދިގުރަށުން މާލެ އައިސް، ސްލީލަންކާއަށް ފުރަން ގޮސް ހުއްޓާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

އެ ކުއްޖާ ފުރަތަމަ ފެނިފައިވަނީ އެ ދުވަހު ހެނދުނު ކުނިކޮއްޓަށް ދިޔަ އެތަނުގެ ބިދޭސީ މުވައްޒަފަކަށެވެ. އެ ކުއްޖާ ފެނުނު މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ދަ ޕްރެސް" އަށް ކިޔައިދިން ގޮތުގައި އެ ކުއްޖާ އޮތީ ކުނި އުކާލަން ބޭނުންކުރާ ކަޅު ކޮތަޅަކަށްލާފައި ކަމަށާއި އެ ކުއްޖާގެ ފޫޅު ވެސް ނުކަނޑާ ކަމަށެވެ.

އެ ކުއްޖާ ވިހޭތާ މާގިނަ އިރުވެފައި ނުވާނެކަން ފާހަގަކުރަމުން އެ މީހާ ބުނީ ބެލެވޭ ގޮތުގައި އެންމެ އަވަހަށްވެސް އެކަން ކޮށްފައިވަނީ އެރޭގެ ދަންވަރު ނުވަތަ އެއަށްވުރެ ފަހުން ކަމަށެވެ