ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ)ގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހޯމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ރޭންކްތަކުގައި މި ވަގުތު ތިއްބެވި އޮފިސަރުންގެ ތެރެއިން ޕޮލިސް ކޮމިޝަނަރުކަމަށް ޝައުގުވެރިވާ ބޭފުޅުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން "ލެޓާ އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ސުންގަޑި އަކީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ހޯމް މިިނިސްޓްރީ އަށް ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

ގާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު ކަނޑައަޅަނީ ޕޮލިސް ބޯޑުން ވަޒަންކޮށް، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

އެ މަގާމު އެންމެ ފަހުން ފުރުއްވާފައި ވަނީ މުހައްމަދު ހަމީދެވެ. އެ މަގާމު ހުސްވެފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ހަމީދު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެެ. އެއާއެކު މިހާރު އެކްޓިން ކޮމިޝަނަރުގެ މަގާމުގައި ހުންނެވީ އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް ފަރުހާދު ފިކުރީ އެވެ.