މި ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަން ކުރެއްވި ބޭފުޅުންގެ އަދަދު، ހަމަޖައްސަން ނިންމާފައިވާ އަދަދުގެ 50 ޕަސެންޓުވެސް ހަމަނުވާ ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.

މީގެ ދެ މަހެއްހާ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭރުގެ އިންތިގާލީ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީބއަކަށް މިހާރު ހުންނެވި މުހައްމަދު ފިރުޒުލް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރެއްގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރުނުކުރަން ނިންމާފައިވާ ކަމަށެވެ.

އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވި ގޮތުގައި، 700 ސިޔާސީ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ:

  • ރައީސާއި ނައިބު ރައީސްގެ ގެކޮޅަށް އައްޔަނުކުރާ މުވައްޒަފުން
  • ކުންފުނިތަކުގެ ވެރިން
  • ވަޒީރުން

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ފިރުޒުލް ކުރިން ވިދާޅުވި ހެން ޝަހީބު ވެސް ވިދާޅުވީ، މި ސަރުކާރުން ސިޔާސީ މަގާމުތަކަށް އައްޔަން ކުރެވޭ މީހުންގެ އަދަދު 700 ގައި ހިފަހައްޓާނެ ކަމަށާއި، އެ އަދަދުގެ 50 ޕަސެންޓަށް ވެސް މީހުން އައްޔަން ކުރެވިފައި ނުވާ ކަމަށެވެ.

ރައީސް އޮފީހުގެ ވެބްސައިޓާއި ސަރުކާރު ކުންފުނިތަކުގެ އިސްވެރިންގެ ހިސާބުތައް އެއްކޮށްލުމުން އަދަދު 202 އަށް އަރައެވެ. މިއީ މި ސަރުކާރުން ހިފަހައްޓަން ބުނި އަދަދުގެ 28.9 ޕަސެންޓެވެ.

މީގެ ކުރިން ވެސް ފިރުޒުލް ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ ނަތީޖާ ނެރެވޭ ގޮތަށް މަގާމުތަކަށް މީހުން އައްޔަން ކުރުމެވެ.