ދިވެހިރާއްޖެއާއި ޗާގޯހާ ދެމެދު ކަނޑުގައިވާ ކަނޑުގެ ސަރަހައްދު އަދި ކޮންޓިނެންޓަލް ޝެލްފްގެ އިންތައް ކަނޑައެޅުމަށް މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ދިވެހިރާއްޖެއިން އަމަލުކުރި ގޮތް ތަހުގީގުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ ރިޔާސީ ކޮމިޝަނެއް މިއަދު އުފައްދަވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން އުފެއްދެވި މި ކޮމިޝަނުގެ ނަމަކީ "އިޓްލޮސްގެ ކޭސް ނަންބަރު 28 ގައި ދިވެހިރާއްޖެއިން އަމަލުކުރި ގޮތް ތަހުގީގުކުރުމަށް އުފައްދާ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ކޮމިޝަން" އެވެ. މިފަދަ ކޮމިޝަނެއް އުފައްދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވެސް އިއުލާނުކުރައްވާފައެވެ.

މި ކޮމިޝަން އުފައްދަން ނިންމީ، އިޓްލޮސްގައި ހިނގައިދިޔަ "މޮރިޝަސް އަދި ރާއްޖޭގެ" މައްސަލަ ދިރާސާކޮށް ރާއްޖެއިން ކުރިޔަށްދާނޭ ގޮތެއް ހޯދުމަށް އައްޔަނުކުރެވުނު ބައިނަލްއަގުވާމީ ހަބީރުންގެ ރިޕޯޓުތަކުގައި، ރާއްޖޭގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެން ދިޔައީ ރާއްޖެއިން އޭރު ކަންކުރި ގޮތުން ކަމުގައި ލަފާދީފައިވާތީއެވެ. އަދި މިއީ ރާއްޖޭގެ މަސްވެރިކަމަށާއި ކަނޑުގެ އަދި ކަނޑުއަޑީގެ ބިމުގެ މުއްސަނދިކަމަށް ލިބުނު ފޫނުބެއްދޭނެވަރުގެ ބޮޑު ގެއްލުމަކަށްވާތީ، މި މައްސަލަ ބައްލަވައި ފިޔަވަޅު އެޅުއްވުމުގެ ބޭނުމުގައެވެ.

މި ކޮމިޝަނުގެ ރައީސްކަމަށް އައްޔަނުކުރައްވާފައިވަނީ އަލްއުސްތާޒު އަހުމަދު ޝާކިރު (ނ.ދ.ޝ.އ) އެވެ. ކޮމިޝަނުގައި ދެން ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:

  1. އަބްދުލްއަޒީޒް ޔޫސުފް
  2. ޑރ. އާމިނަތު ޝާފިޔާ އާދަމް
  3. ޑރ. އަބްދުލްމުހްސިން މުހައްމަދު
  4. ޑެޕިޔުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރޓޑ) މުހައްމަދު ސާދިގު
  5. އަހުމަދު އަލީމަނިކު
  6. ފާތިމަތު މިންހަތު އިއްޒަތު

ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 2026/17 ގެ ދަށުން މި ކޮމިޝަނާ މަތިކޮށްފައިވާ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، އިޓްލޮސްގެ ކޭސް ނަންބަރު 28 ހުށަހެޅުމާ ހަމަޔަށް އަދި މި މައްސަލައިގެ މައުޟޫއު އެގޮތުގައި ކުރިޔަށްދިޔަ ގޮތުގައްޔާއި، ރާއްޖެއިން ޖަވާބުދާރީވުމުގައި އަދި މައްސަލައާ ގުޅުންހުރި ވަށައިގެންހުރި އެންމެހައި ކަންކަމުގައި ދައުލަތުގެ މުވައްޒަފުންނާއި، ލަފާދިން ފަރާތްތަކާއި، ސީދާ އަދި ނުސީދާގޮތުން ޝާމިލުވި މަސްއޫލުވެރިންނާއި ބާރުތައް ލިބިގެންވީ ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތް ބަލައި ތަހުގީގުކުރުން ހިމެނެއެވެ.

މީގެއިތުރުން، މި މައްސަލައިގައި އެ ފަރާތްތަކުގެ ގާނޫނީ އިހުމާލެއް އޮތްތޯ ބަލައި ގޮތެއް ކަނޑައެޅުމާއި، އިހުމާލެއްވާނަމަ އެ އިހުމާލުގެ އިންތައް ކަނޑައެޅުމާއި، މައްސަލައާ ގުޅޭ ލިޔެކިޔުންތައް ބަލަހައްޓައި ރައްކައުކުރެވިފައިވާ ގޮތް ބަލައި ތަހުގީގުކުރުން ވެސް ހިމެނެއެވެ. ހަމައެއާއެކު، ޒިންމާކުރުވަންޖެހޭ ފަރާތްތަކާމެދު އެޅުމަށް ފެންނަ ފިޔަވަޅުތައް ކަނޑައެޅުމާއި، ކުރިޔަށް އޮތްތަނުގައި މިފަދަ ކަމެއް ތަކުރާރުނުވާނޭ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށް ފެންނަ ކަންކަން ހުށަހެޅުން ވެސް ކޮމިޝަނުގެ ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ބަޔާންކުރައްވާފައިވަނީ، މި ކޮމިޝަނަކީ އެ ކޮމިޝަނަށް މަތިކޮށްފައިވާ އެންމެހައި މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންދެން ދެމިއޮންނާނެ ކޮމިޝަނެއް ކަމަށެވެ.