ކޮމަންވެލްތު އިސްވެރިންގެ 28 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް މިއަދު އެންޓީގާ އެންޑް ބާބިޔުޑާއަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި، އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި، ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ގިނަ ދަންފަޅިތަކުގައި ބައިވެރިވެވަޑައިގެން، މުހިންމު ބަޔާންތައް އިއްވެވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުން ކުރިއަށް ދާނީ ނޮވެންބަރު މަހުގެ 1 އިން 4 ގެ ނިޔަލަށެވެ.

މި އަހަރުގެ ބައްދަލުވުން ކުރިއަށްދާނީ "އެކްސެލެރޭޓިން ޕާޓްނަރޝިޕްސް އެންޑް އިންވެސްޓްމަންޓް ފޯ އަ ޕްރޮސްޕަރަސް ކޮމަންވެލްތު" މި ޝިއާރުގެ ދަށުންނެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާނީ މެންބަރު ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، ދެމެހެއްޓެނިވި ވުނަކުރުމަށް ފުރުސަތު ފަހިކުރުމުގެ އިތުރުން، އެންމެންގެ ބައިވެރިވުން ހިމެނޭ އިގްތިސާދީ ކުރިއެރުމެއް ހޯދުމަށެވެ.

ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަކީ، ދުނިޔޭގެ އިގްތިސާދީ، ތިމާވެށީގެ އަދި ސަލާމަތީ ގޮންޖެހުންތަކާ ގުޅޭގޮތުން ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިން މަޝްވަރާކުރައްވައި، އެއްބާރުލުން އިތުރުކުރުމަށާއި، ވިލުންތެރިކަން ބިނާކުރުމަށާއި، ވިޔަފާރި ފުޅާކުރުމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމަށް މަޝްވަރާކޮށް ގޮތް ނިންމުމަށް، މެންބަރު ގައުމުތަކަށް ލިބޭ މުހިންމު މަންސައެކެވެ.