ނޮވެންބަރު 12 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، މިގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، ޖުމްހޫރީ ދުވަސް ކަމުގައިވާ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށްވުމާއެކު ޖުމްހޫރީ ދުވަހުގެ ފަހަތަށް އޮތް ދުވަހަކީ ރަސްމީ ދުވަހެއް ކަމަށް ވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށެވެ.

މި ނިންމެވުމާއެކު، ޖުމްހޫރީ ދުވަހުގެ ބަންދާ ގުޅިގެން ނޮވެންބަރު 11 ވާ ބުދަ ދުވަހުން ފެށިގެން ހަފުތާ ބަންދާއެކު ޖުމްލަ 4 ދުވަހުގެ ޗުއްޓީއެއް ސަރުކާރުގެ މުވައްޒަފުންނަށް ލިބިގެންދާނެއެވެ.

ޖުމްހޫރީ ދުވަހަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވެ، ދެވަނަ ޖުމްހޫރިއްޔާ ގާއިމުކުރެވުނު ތާރީހީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެވެސް ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ފާހަގަކުރާ ގައުމީ ދުވަހެކެވެ.

ދިވެހިރާއްޖޭގައި ދެވަނަ ޖުމްހޫރިއްޔާއެއް ގާއިމުކުރެވުނީ 11 ނޮވެންބަރު 1968 ގައެވެ. އެއީ ރައްޔިތުންގެ މެދުގައި ނެގުނު ފެންނަ ނުފެންނަ ވޯޓަކުން، ރަސްކަން ނިމުމަކަށް ގެނެސް ޖުމްހޫރީ ވެރިކަމުގެ ނިޒާމަކަށް ބަދަލުކުރުމަށް ނިންމުމާ ގުޅިގެންނެވެ.

ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާއަކީ އިބްރާހީމް ނާސިރެވެ.