މަޝްހޫރު ސިޓްކޮމް ބްރޫކްލިން ނައިން ނައިންގެ ކެޕްޓަން ރޭމަންޑް ހޯލްޓް ކެރެކްޓާ ކުޅުނު އެކްޓަރު އެންޑްރީ ބްރޯގާ އުމުރުން 61 އަހަރުގައި މަރުވެއްޖެއެވެ.

ބްރޯގާ އޭނާގެ ކެރިއަރުގައި ގިނައިން ކުޅެފައިވަނީ ފުލުސް އޮފިސަރުންގެ ރޯލުތަކެވެ. އޭނާ ވަނީ ޑްރާމާ އަދި ކޮމެޑީ ރޯލުތައް ވެސް ކުޅެފަ އެވެ. ބްރޯގާގެ ކެރިއަރުގައި ޖުމްލަ 11 ނޮމިނޭޝަންގެ ތެރެއިން ދެ އެމީ އެވޯޑެއް ހޯދާފައިވާއިރު އޭނާ އެވޯޑު ހާސިލްކުރީ "ހޯމިސައިޑް އެންޑް ތީފް"ގައި އޭނާ ކުޅުނު ރޯލުންނެވެ. އެކްޓަރު މަރުވުމާއެކު ގިނަ އަދަދެއްގެ ފޭނުންނެއް އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔަމުން އަންނައިރު ބްރޫކްލިން ނައިން ނައިންގައި ޓެރީ ޖެފޯޑްސްގެ ރޯލު ކުޅުނު ޓެރީ ކްރޫސް ވަނީ ބްރޯގާގެ އާއިލާ އަށް ތައުޒިޔާ ކިޔާ އޭނާއަށް ވަރަށް ބޮޑަށް ތައުރީފްވެސްކޮށްފައެވެ. ޓެރީ ބުނީ ބްރޯގާ އަކީ ހުނަރުވެރި އެކްޓަރެއް ކަމަށާއި ބްރޯގާ މަރުވުމުން މުޅި ޓީމަށް ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ލިބިގެން ގޮއްސި ކަމަށެވެ.

އޭނާ 11 އެމީ އެވޯޑަށް ނޮމިނޭޓްވެފައިވާއިރު އޭގެ ތެރޭގައި ބްރޫކްލިން ނައިންނައިންގައި އޭނާ ކުޅުނު ކެޕްޓަން ރޭމަންޑް ހޯލްޓްގެ ރޯލު ވެސް ވަނީ ހަތަރު ފަހަރަށް އެ އެވޯޑަށް ނޮމިނޭޓްވެފައެވެ. ބްރޯގާގެ ކެރިއަރުގެ ބްރޭކްތްރޫ ޕޮއިންޓަކީ 1989 ވަނަ އަހަރު ރިލީޒްކުރި ފިލްމު ގްލޯރީ އެވެ. އެ ފިލްމުގައި އޭނާ ވަނީ އެމެރިކާގެ ދާހިލީ ހަނގުރާމައިގައި ކަޅު ނަސްލުގެ ޔޫނިއަން ސިފައިންގެ މީހެއްގެ ރޯލުން ފެނިގެން ގޮސްފައެވެ.