ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސިޔާސީ މަސައްކަތާ ދުރަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ރައީސް ނަޝީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގެ ސިޔާސީ އެކިއެކި މަސައްކަތުގައި އުޅޭތާ އަހަރުތަކެއް ވެފައިވާ ކަމަށާއި އެ މަސައްކަތުގައި އެމަނިކުފާނަށް ތާއީދުކުރި މީހުންގެ އެހީ ލިބުނުއިރު ވާދަވެރިން އަދި އެމަނިކުފާނަށް ފުރައްސާރަކޮށް މަލާމާތް ކުރާ ހަތުރުވެރިންނަކީ ވެސް އެ މަސައްކަތުގެ ބައިވެރިން ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ސިޔާސީ މަސައްކަތުގައި އެންމެ ބޮޑަށް އިސްކަންދެއްވީ ގިނަ ޕާޓީ ބައިވެރިވާ ވެރިކަމުގެ ނިޒާމެއް ފައްކާކުރެއްވުމަށް ކަމަށާއި އަދި އިސްލާމީ މަތިވެރި އުސޫލުތަކުގައި ހިފަހައްޓައި، އިންސާނީ ހައްގުތަކަށް އިހުތިރާމުކުރާ، ރައްޔިތުންނަށް ދުލާއި ގަލަމުގެ މިނިވަންކަން ކަށަވަރުވެފައިވާ ތަނަކަށް ރާއްޖެއް ހެއްދެވުމަށެވެ. އެކަންކަން ކުރިއަށްވުރެ ބޮޑަށް ހާސިލުވެފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ސިޔާސީ މަސައްކަތުގައި ނުހަނު އަނިޔާއާއި ހިތާމަވެރިކަމާއި އެކަނިވެރިކަން ކުރިމަތިވެވަޑައިގެންނެވި ކަމަށާއި ޖަލުގެ އަނިޔާ އެތައް ފަހަރަކު ތަހައްމަލުކުރައްވަން ޖެހިވަޑައިގެންނެވި ކަމަށާއި، މުޅި ޒާތީ ދިރިއުޅުން ބަރުބާދުވެ ގިނަ ދުވަސް އާއިލާއާ ދުރުގައި ދިރިއުޅުއްވަން ޖެހިވަޑައިގެންނެވި ކަމަށެވެ.

ރާއްޖޭގެ ރައީސްކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމު އަދާކުރުމުގައި ވީ މިންވަރަކުން ރައްޔިތުންނަށް ހިދުމަތްކޮށްދެވުނު ކަމަށާއި އުއްމީދަކީ ދިވެހި ސަރުކާރަކާއި ވެރިން ޖަވާބުދާރީ ކުރުމުގެ މަސައްކަތް އަންނަން އޮތް ޖީލުތަކުގެ މީސްތަކުން ކުރުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، 11 ގައުމެއް ހިމެނޭ ގޮތަށް އުފައްދާފައިވާ ކްލައިމެޓް ވަލްނަރަބަލް ފޯރަމުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ވަޑައިގަތުމަށް ލިބިވަޑައިގެންފައިވާ ދައުވަތު ގަބޫލުކުރައްވާފައިވާ ކަމަށެވެ. އަދި އެވަޒީފާގައި ހުންނަވައިގެން ރާއްޖެއަށް ހިދުމަތް ކުރެއްވޭ މިންވަރު އިންތިހާއަށް ތަނަވަސްވާނެ ކަމަށާއި ޖަނަވަރީން ފެށިގެން އެ ވަޒީފާއަށް ވަޑައިގަންނަވާނެ ކަމަށެވެ.