ހުސްވެފައިވާ މާލެ ސިޓީގެ މޭޔަރުގެ މަގާމަށް ކުރީގެ ސީޕީ ހުސައިން ވަހީދު އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމަވައިފިއެވެ.

ހުސައިން އަމިއްލަ ވާދަކުރައްވަން ނިންމެވީ އޭނާ އެންމެ ފަހުން ސޮއިކުރެއްވި ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އަދި ރަޖިސްޓްރީ ވެފައި ނުވާތީއެވެ. އަމިއްލަ ގޮތުން ވާދަކުރައްވަން ހުސައިން ހުށަހެޅުއްވި ފޯމް އީސީން ވަނީ ބަލައިގެންފައެވެ.

މި އަންނަ މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މާލެ ސިޓީ މޭޔަރު އިންތިހާބަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މާދާމާ 2 ޖަހާއިރަށް ހަމަވާއިރު އެ އިންތިހާބުގައި ވާދަކުރެއްވުމަށް އެންމެ ފުރަތަމަ ފޯމު ހުށަހަޅުއްވާފައި ވަނީ މީގެ ކުރިން އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވި ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) އެވެ. މި މަހުގެ 7 ވަނަ ދުވަހު ޝުއައިބު ފޯމު ހުށަހަޅުއްވާފައި ވާއިރު އޭނާ އެ އިންތިހާބުގައި ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ.

މީގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ފަރާތުން މިހާރުގެ ސިޓީ ކައުންސިލްގެ މެންބަރު ސައިފް ފާތިހު ވާދަކުރައްވާއިރު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކުރޫ އަދި، އެމްޑީޕީގެ ފަރާތުން އާދަމް އާޒިމް ވާދަކުރައްވާނެއެވެ.

މާލެ ސިޓީގެ މޭޔަރު ކަމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބުވުމާ ގުޅިގެން އެ މަނިކުފާނު ވަނީ މި މަހުގެ 17 ވަނަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މާލޭ ސިޓީގެ މޭޔަރުގެ ގޮނޑީގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ނާސިރާއި، މެދުހެންވޭރު ދާއިރާގެ މެންބަރު އާދަމް ރަމީޒާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމްގެ ގޮނޑިވެސް ވަނީ ހުސްވެފައެވެ.