މާލޭ މަގެއްގައި ކުނި ބަހައްޓާ ފަރާތެއް ހޯދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފިއެވެ.

މަގުމަގިތީގައި ކުނި ބަހައްޓާ މަންޒަރު ދައްކުވާދޭ ވީޑިއޯއެއް އާންމުކޮށް ސިޓީ ކައުންސިލުން ބުނީ، މުއިވެޔޮމަގަކީ އާއްމުކޮށް ކުނި ބަހައްޓާފައި ހުންނަ ސަރަހައްދެއް ކަމަށެވެ. އެހެންކަމުން ވީޑިއޯގައި ފެންނަ ފަރާތް ހޯދުމަށް ކައުންސިލުން ވަނީ އާންމުންގެ އެހީތެރި ކަމަށް އެދިފައެވެ.

އަދި މާލޭގެ އެކި ސަރަހައްދުތަކަށް ކުނި އަޅާ ފަރާތްތައް ހޯދާ ފިޔަވަޅު އެޅުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާ ކަމަށާއި މަގުތަކަށް ކުނި އަޅާ ފަރާތްތަށް ފާހަގަ ކުރެވޭނަމަ ކައުންސިލްގެ ހޮޓްލައިން 9341144 ފޮޓޯ އަދި ވީޑިއޯ ފޮނުވައި ދިނުމަށްވެސް އެދިފައި ވެއެވެ.

މާލޭގެ މަގުތަކަށް ދޭތެރެ، ދޭތެރެއިން މިފަދަ ބޮޑެތި ކުނިތައްވެސް އުކާލާފައި ހުންނަ މަންޒަރު ފެނެއެވެ. މިކަމުގެ ސަބަބުން މާލޭގެ މަގުތައް ބޭނުން ކުރާ ފަރާތްތަކަށް ދަތިވާގޮތްވެސް ދިމާވެއެވެ.

މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދުމަށް މީގެ ކުރިން ވެސް މާލެ ސިޓީން އާންމުންގެ އެހީތެރިކަމަށް އެދެއެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު މާލޭގެ އިސްކަންދަރުމަގު، މއ.ސަހަރާ ކައިރި ބަހައްޓާފާއި ހުރި ގޮދަޑިއެއް ނެރުނު ފަރާތެއް ހޯދުމަށް ވެސް ކައުންސިލުން އާންމުންގެ އެހީތެރިކަމަށް އެދުނެވެ. ސިޓީ ކައުންސިލުން ބުނި ގޮތުގައި މާލެ ސިޓީ ސާފުކޮށް ބޭއްވުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވެއެވެ.