މާލެ ސިޓީގެ މޭޔަރުކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވި ދުވަސްވަރު، ސިޓީ ކައުންސިލުގެ ލިޔެކިޔުންތައް ޑިޖިޓަލައިޒްކުރުމުގެ ނަމުގައި ހިންގި 9 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއެއްގައި ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާފައިވާ ކަމަށް ތުހުމަތުކޮށް، އެ މައްސަލަ އަވަސް މުއްދަތެއްގެ ތެރޭގައި ތަހުގީގުކުރުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

މި މައްސަލަ ކައުންސިލަށް ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) އެވެ. ޒާޔާ ހުށަހެޅުއްވި މައްސަލައިގައި ވަނީ 2022 ވަނަ އަހަރު ކައުންސިލުގެ ލިޔެކިޔުންތައް ޑިޖިޓަލައިޒްކުރުމަށް "އެކިޔުޓައިޒް ޕްރައިވެޓް ލިމިޓެޑް" ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ތިން ފަހަރެއްގެ މަތިން މުއްދަތު އިތުރުކޮށްދިން ނަމަވެސް، މަސައްކަތް އެއްކޮށް ނުނިމެނީސް 9 މިލިއަނަށްވުރެ ގިނަ ރުފިޔާ އެ ކުންފުންޏަށް ދޫކޮށްފައިވާކަމަށެވެ.

އެކިޔުޓައިޒް އަކީ 2021 ގައި ރަޖިސްޓްރީކުރި، މިފަދަ މަސައްކަތެއްގެ އެއްވެސް ތަޖުރިބާއެއް ނެތް އަދި ބިޒްނަސް ލައިސަންސް އޮތް ކަމަށް ނުދައްކާ ކުންފުންޏެއްކަން ޒާޔާ ހުށަހެޅުއްވި މައްސަލައިގައި ވަނީ ފާހަގަ ކުރައްވާފައެވެެ. އޭރު މޭޔަރުގެ ފުރިހަމަ ކޮންޓްރޯލް އޮތް ކައުންސިލުން، އެމަނިކުފާނުގެ އަރިސް ބޭފުޅެއްގެ ކުންފުންޏަކަށް މަސައްކަތް ނުނިމެނީސް ފައިސާ ދިނުމަކީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުން ކުރުންކަމަށް ޒާޔާ ތުހުމަތުކުރެއްވިއެވެ.

މީގެ އިތުރުން، 2023 ގައި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު އެކިޔުޓައިޒް ކުންފުނީގެ ވެރިޔާ މުހައްމަދު އަސްބާހު އަލީ ނަސީރަށް އެޗްޑީސީ ގެ ޑެޕިއުޓީ މެނޭޖިން ޑރެކްޓަރުގެ މަގާމު ދެއްވާފައިވާކަންވެސް ވަނީ ފާހަގަ ކޮށްފައެވެ. މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ ރައްޔިތުންގެ ޓެކްސް ފައިސާއާ ގުޅޭ މި ބޮޑު މައްސަލައިގެ ހަގީގަތް ސާފުކުރުމަށް ކައުންސިލްގެ އޮޑިޓް ކޮމިޓީއަށް ފޮނުވައިގެން ފުރިހަމަ ތަހުގީގެއް ހިންގުމަށް ނިންމަވާފައެވެ.

މި ތުހުމަތުތަކާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ގެ ބަހެއް ހޯދުމަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ މި މައްސަލައާއި ގުޅޭ ގޮތުން ސަރުކާރުގެ ބަހެއްވަނީ ލިބޭ ގޮތް ނުވެފައެވެ.