މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބާއްވާ އެކި ހަރަކާތްތަކުގެ ސަބަބުން ރޭގަނޑު ދަންވަރު އަޑުގަދަވެ، އާންމުންނަށް އުނދަގޫވާ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މި މައްސަލައާ ގުޅޭގޮތުން އެ ކައުންސިލްގެ 5 ވަނަ ދައުރުގެ 3 ވަނަ ރަސްމީ އާންމު ޖަލްސާގައި ވަނީ ބަހުސްކޮށްފައެވެ. އެގޮތުން ރޭގަނޑު 12:00 ގެ ފަހުން އަޑުގަދަވުން ހުއްޓުވައި، ރައްޔިތުންނަށް އުނދަގޫ ނުވާނެ ފަދަ އުސޫލުތަކެއްގެ ދަށުން އެ ސަރަހައްދު ބޭނުންކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައި ވެއެވެ.
މޭޔަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި، އާޓިފިޝަލް ބީޗު ހިމެނޭހެން މާލޭގެ އެއްވެސް އާންމު ތަނެއްގައި ރޭގަނޑު 12:00 ގެ ފަހުން އަޑުގަދަކޮށްގެން ނުވާނެއެވެ. މިއީ ކުޑަކުދިންނާއި، މުސްކުޅިން އަދި ކިޔަވާ ކުދިންނަށް އުނދަގޫވާ ކަމެއްކަން ފާހަގަކުރައްވައި، އިވެންޓް ބާއްވާ ފަރާތްތަކުން އަޑު ކޮންޓްރޯލް ކުރަންޖެހޭ މިންވަރާއި ގަޑިތައް ސިޓީ ކައުންސިލުން ކަނޑައަޅަންޖެހޭ ކަމަށް މޭޔަރު ވިދާޅުވިއެވެ.
މި ކަމާ ގުޅޭގޮތުން މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް ލަބާން ޝަރީފް ބާރުއެޅުއްވީ، ރޭގަނޑު ވަކި ވަގުތެއްގެ ފަހުން އަޑު މަޑުކުރަން އެންގުމުގެ މުހިންމުކަމުގެ މައްޗަށެވެ. އަދި ރޭގަނޑު ގަޑީގައި މަސައްކަތް ކުރާއިރު ވެސް، އަވަށްޓެރިންނަށް އުނދަގޫ ނުވާނެ މިންވަރަކަށް އަޑު ބެހެއްޓުމަކީ ޒިންމާދާރުކަމެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ހުސައިން ފުރުޝާން ވިދާޅުވީ، ގާނޫނީ ގޮތުން ރޭގަނޑު 12:00 އާ ހަމައަށް އަޑުގަދަކުރާ ބޭނުންކުރުމުގެ ހުއްދަ އޮތް ނަމަވެސް، އެކަން ކުރަންވާނީ އާންމުންނަށް އުނދަގޫ ނުވާނެ ގޮތެއްގެ މަތިން ކަމަށެވެ. މާލޭގައި ހާމަ ތަންތަން މަދުވުމުން އިވެންޓްތައް ބާއްވާއިރު ކޮންމެވެސް ވަރަކަށް އަޑު ހުންނާނެކަން ގަބޫލުކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ޖަލްސާގައި ކައުންސިލަރުން ވަނީ ރޭގަނޑު 12:00 ގެ ފަހުން އަޑުގަދަކުރާ ބޭނުންކުރާ ނަމަ އެކަން ހުއްޓުވޭނެ ނުވަތަ އަޑު މަޑުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އިއްތިފާގުވެފައެވެ. އަދި މިހާރު އޮތް މިންވަރަށް ވުރެ ބޮޑަށް އަޑުގަދަކުރުމުގެ ފުރުސަތު ނުދިނުމަށް ވެސް ވަނީ ލަފާ ދީފައެވެ.
މި މަޝްވަރާގައި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު އައިޝަތު ނާޒިމާ، ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ލައިޒާ، މާފަންނު މެދުދާއިރާގެ ކައުންސިލަރު އާއިޝަތު ހަނާ، ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިސްމާއިލް ހަލީމް އަދި ވިލިމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ސަމާހް ވެސް ބައިވެރިވެވަޑައިގެން، މި މައްސަލައަށް އަވަސް ހައްލެއް ބޭނުންވާކަން ފާހަގަކުރެއްވިއެވެ.
އާޓިފިޝަލް ބީޗު ސަރަހައްދުގެ އަޑުގަދަވާ މައްސަލައަށް ގެންނާނެ ބަދަލުތަކާއި، އަމަލުކުރާނެ ރަސްމީ އުސޫލެއް ކުރިއަށް އޮތް ކައުންސިލް ޖަލްސާގައި ފައިނަލް ކުރުމަށް ވަނީ ނިންމާފައެވެ.
