މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ހަމަލާދޭން މަސައްކަތްކޮށްފައި ވާތީ ރައީސް ޑރ.މުހައްމަދު މުއިއްޒު އެކަން ކުށްވެރިކުރައްވައިފިއެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވަނީ މާލޭ ސިޓީގެ މޭޔަރަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބުވާ މަގާމަކަށް ވީހިނދު، މޭޔަރަށް ނުވަތަ އެއްވެސް އެހެން ސިޔާސީ ލީޑަރަކަށް ސިޔާސީ މަސައްކަތުގައި އުޅެމުންދާ ވަގުތު ނުވަތަ އަމިއްލަ ދިރިއުޅުމުގައިވެސް، ހަމަލާދީ ހުރަސްއެޅުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ. އަދި މިފަދަ ކަންކަން ހުއްޓުވައި، ކޮންމެ ރައްޔިތަކަށްވެސް ބިރުވެރިކަމެއް ނެތް، އަމާން މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނެކަމުގެ ޔަގީންކަން ރައީސް ދެއްވާކަމަށް މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މި ހާދިސާއާ ގުޅޭގޮތުން ޗީފް ގަވާންމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް މީޑިއާއަށް ފޮނުވި ބަޔާނުގައި ވިދާޅުވީ މި ހަމަލާއަކީ ސަރުކާރުން ކޮށްފައިވާ ކަމެއްކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވާކަމީ ހައިރާންވާކަމެއް ކަމަށެވެ. އެއީ ކޮން ކަމެއްގެ މައްޗަށް ނުވަތަ، ކޮން ހެއްކަކާ ގަރީނާއެއްގެ މައްޗަށް ބިނާކޮށް ވިދާޅުވި ވާހަކައެއްކަން އެއްގޮތަކަށްވެސް އެނގިވަޑައިނުގަންނަވާކަން ފާހަގަކޮށް އޭނާ ވިދާޅުވީ މިއީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތްކަމެއް ނޫންކަމަށެވެ. ސަރުކާރުގެ ފަރާތުން މިފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވަމުން ތަރުޖަމާނު ވިދާޅުވީ މިފަދަ ދޮގު ތުހުމަތުކުރުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މި ހާދިސާ ހިނގާދިޔަފަހުން މިހާތަނާޖެހެންދެންވެސް އެއްވެސް ރަސްމީ ފަރާތަކުން، އަދި އެމްޑީޕީގެ ފަރާތުންވެސް ނުވަތަ މާލެ ސިޓީ ކައުންސިލުންވެސް މިކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ނުވާކަމަށެވެ. "މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނީ މަސްއޫލިއްޔަތު މަތިކޮށްފައިވާ މުއައްސަސާއަކީ ފުލުހުން ކަމަށްވާއިރު، މިފަދަ ހާދިސާތައް އެ ފަރާތަށް ރިޕޯޓުނުކުރުމަކީ ފުލުހުންގެ ޒިންމާ އަދާކުރުމަށް އެޅޭ ހުރަހަކަށް ވުމުގެ އިތުރުން، އެއީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް" މި ބަޔާނުގައިވަނީ ވިދާޅުވެފައެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވީ މީސް މީޑިއާއިން މި ހަމަލާގެ ވީޑިއޯ ފުލުހުންނަށް ފެނުނު ހިސާބުން، އަމިއްލައަށް އިސްނަގައިގެން މި މައްސަލަ ތަހުގީގުކުރަމުން ދާ ކަމަށެވެ. މާލެ ސިޓީގެ މޭޔަރަކީ ދައުލަތުގައި އެ ފަރާތަކަށް ހައިސިއްޔަތުގެ ތެރެއިން، އެދިވަޑައިގެންފިނަމަ ސެކިއުރިޓީ ލިބޭނެ ފަރާތެއްކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ. އަދި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ނުރައްކާ އޮތް މިންވަރު ބެލުމަށް ފުލުހުން އަބަދުވެސް ތްރެޓް އެސެސްމަންޓް ހައްދަމުން ގެންދާ ކަމަށާއި މިފަދައިން ހަދާ އެސެސްމަންޓަކުން އެއްވެސް ފަރާތަކަށް ނުރައްކަލެއް އޮތްކަމަށް ފާހަގަކުރެވިއްޖެނަމަ ފުލުހުން އިސްވެ އެބޭފުޅުންނަށް ސެކިއުރިޓީގެ ކަންކަން ހަމަޖައްސަވައި ދޭކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.