ބާޒާރުގައި ވިއްކަމުން އަންނަ ފިޔާގެ އަގު އުފުލިއްޖެއެވެ.

ފިޔާ ކިލޯއެއްގެ އަގު 30 ރުފިޔާއާއި 40 ރުފިޔާއާ ދެމެދު އަގުތަކަށް އުފުލިފައިވާއިރު މީގެ ކުރިން 400 ރުފިޔާއަށް ވިއްކަމުން އައި ފިޔާ ބަސްތާގެ އަގުވެސް ވަނީ 550 ރުފިޔާއާއި 700 ރުފިޔާ ދެމެދު އަގަކަށް ބޮޑުވެފައެވެ. އަދި ފިޔާގެ ދަތިކަން އިިތުރުވާނެ ކަމަށް ލަފާކޮށް ފިޔާ ބަސްތާ ވިއްކަމުންދަނީ ވެސް މަދު ތަންތަނަކުންނެވެ.

ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެކްސްޕޯޓް ކުރާ ގައުމު ކަމަށްވާ އިންޑިއާއިން އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް އެއްވެސް ގައުމަކަށް ފިޔާ އެކްސްޕޯޓް ކުރުން ވަނީ މަނާކޮށްފައިވާއިރު ރާއްޖޭގައި އެންމެ ޑިމާންޑް ބޮޑު ފިޔަލަކީވެސް އިންޑިއާގެ ފިޔަލެވެ. އިންޑިއާގެ އިތުރުން ޗައިނާ އަދި ޕާކިސްތާނު ވެސް ރާއްޖެއަށް ފިޔާ އެތެރެކުރި ނަމަވެސް އެންމެ ގިނައިން ރާއްޖެއަށް ފިޔާ އެތެރެކުރާ ގައުމަކީވެސް އިންޑިއާއެވެ.

އިންޑިއާއިން އެއްވެސް ގައުމަކަށް ފިޔާ އެކްސްޕޯޓްކުރުން މަނާކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށެވެ.

އިންޑިއާގެ އެ ނިންމުމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެއްވެސް ބާވަތެއްގެ އަސާސީ މުދަލެއް ރާއްޖެއަށް އެތެރެ ކުރުމުގައި ހުރަހެއް ނެތް ކަމަށާއި ރާއްޖެއާއެކު ވިޔަފާރި ކުރާ އެކުވެރި ގައުމުތަކުން ރާއްޖެއަށް އަބަދުވެސް އިސްކަންދޭނެ ކަމަށެވެ. އަދި ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް ނުވަތަ ވަކިވަކި ގައުމުތަކުގެ އެކްސްޕޯޓް ސިޔާސަތަށް ބަދަލު އައުމަކީ އެކި ދުވަސްވަރު ހިނގާ ކަންކަން ކަމަށް ސައީދު ވިދާޅުވިއެވެ.

މީގެ ކުރިންވެސް ފިޔާ ލިބުން ދަތިވެ، ރޯދަ މަސް ފަދަ ފިޔާގެ ޑިމާންޑް އިތުރުވާ ދުވަސްވަރުގައި ފިޔަލުގެ އަގު އުފުލިގެންދެއެވެ.