ރޯދަ މަހާ ދިމާކޮށް އެސްޓީއޯ އިން ގެނައި ކާބޯތަކެތީގެ ޝިޕްމަންޓްގެ ތެރެއިން ފިޔާ އަލުވި ބިހުގެ ޝިޕްމަންޓް ބާޒާރަށް ނެރެ ވިއްކަން ފަށައިފިއެވެ.

އެސްޓީއޯ އިން ބުނީ، ފިޔާ ބަސްތާއެއް މިވަގުތު ވިއްކަން ހަމަޖެހިފައި ވަނީ 310 ރުފިޔާއަށް ކަމަށާއި އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖް ޒޯންގައި ހުންނަ އެސްޓީއޯ ވެއާ ހައުސްއިން ފިޔާ ހޯލްސޭލްކޮށް ލިބެން ހުންނާނެ ކަމަށެވެ. އަދި ވަކިން ގަންނަން ބޭނުންވާ ފަރާތްތަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ފިޔާ ކިލޯއެއް 14 ރުފިޔާއަށް ލިބެން ހުންނާނެ ކަމަށް އެސްތީއޯ އިން ބުނެއެވެ.

ބިސް ކޭހެއް މިވަގުތު ވިއްކަން ހަމަޖެހިފައި ވަނީ 320 ރުފިޔާއަށް ކަމަށާއި އަލުވި ބަސްތާއެއް ވިއްކަން ހަމަޖެހިފައި ވަނީ 310 ރުފިޔާއަށް ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ. މި ދެ ބާވަތް ވެސް ހޯލްސޭލްކޮށް ލިބެން ހުންނާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖް ޒޯންގައި ހުންނަ އެސްޓީއޯ ވެއާހައުސްއިންނެވެ. މީގެ އިތުރުން އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން 2 ރުފިޔާއަށް ބިހެއް އަދި 18 ރުފިޔާއަށް އަލުވި ކިލޯއެއް ވަކިން ވިއްކާނެ ކަމަށް ބުނެއެވެ. .

އެސްޓީއޯއިން ބާޒާރަށް ނެރެފައިވާ ތާޒާ ލުނބޯ ވިއްކުމަށް ހަމަޖެހިފައިވަނީ ކޭހެއް (5 ކިލޯގެ) 145 ރުފިޔާގެ ރޭޓުންނެވެ.

ލުނބޯ ހޯލްސޭލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށް އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖް ޒޯންގައި ޤާއިމުކޮށްފައިވާ އެސްޓީއޯ ވެއަރހައުސްއިން ލިބެންހުންނާނެއެވެ. އަދި ވަކިން ގަންނަން ބޭނުންވާ ފަރާތްތަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ކިލޯއެއް 40 ރުފިޔާއަށް ލިބެން ހުންނާނެއެވެ.

ފިޔާ އަލުވި ބިހުގެ ޝިޕްމަންތްތައް ބާޒާރަށް ނެރެ އެސްޓީއޯ އިން ވިއްކަން ފަށާފައިވާ އިރު ދާދި ފަހުން ވަނީ ރޯދައަށް ގެނައި ލުނބޯ އަދި ކާށީގެ ޝިޕްމަންޓް ވެސް ބާޒާރަށް ނެރެފައެވެ. އެގޮތުން ލުނބޯ ކިލޯއެއް 40 ރުފިޔާއަށް ވިއްކާއިރު، 5 ކިލޯގެ ލުނބޯ ކާޓަންއެއް ވިއްކަނީ 145 ރުފިޔާއެވެ. އަދި ފަސް ކާޓަން ނަގާ ނަމަ ކާޓަންއެއް ވިއްކާނީ 135 ރުފިޔާއަށެވެ. އަދި އިންޑިއާއިން ގެނައި ކާށިގެ ޝިޕްމަންޓުން ކާއްޓެއް ވިއްކަނީ 5 ރުފިޔާއަށެވެ.

އަންނަ ރޯދަ މަހަށް ތަކެތީގެ އަގު މައްޗަށް ދިޔަ ނުދީ ކޮންޓްރޯލް ކުރާނެ ކަމަށް އެސްޓީއޯ އިން ބުނެފައި ވާ އިރު، ބާޒާރުގައި ލުނބޯ ކިލޯއެއް އުޅެނީ 60 ރރުފިޔާއާއި 50 ރުފިޔާ އާ ދެމެދުގައެވެ. ބާޒާރުގައި ކާއްޓެއްގެ އަގު އުޅެނީ 10 ރުފިޔާ އާއި 25 ރުފިޔާ އާ ދެމެދުގައެވެ.

ހަމައެއާއެކު ބާޒާރުގައި ފިޔާ އަދި ބިސް ކޭހުގެ އަގު އުޅެނީ 350 ރުފިޔާ އާއި 400 ރުފިޔާ އާ ދެމެދުގައެވެ.