ރާއްޖޭގެ މާކެޓްގައި ސަންފްލާވާ އޮއިލް އާއި މިލްކުގެ ބާވަތްތައް މަދުވަމުން އަންނަ ކަމަށާއި އެ ބާވަތްތައް ރާއްޖެއަށް އަވހަށް އެތެރކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް މުދާ އަންނަ އިރު މުދާ ގެންނަ ބޯޓު ފަހަރުތައް އެންމެ ފުރަތަމަ ބަނދަރު ކުރަނީ ސްރީލަންކާގައި ކަމަށާއި އެ ބަނދަރުގައި މަޑޫކުރުމަށ ްފަހު ރާއްޖެއަށް އަންނަ އިރު ލަސްތަކެއް ދިމާވަމުން އަންނަ ކަމަށެވެ. އެ ގޮތުން މިހާރު ވެސް ކޮލަމްބޯގައި 4200 ކޮންޓެއިނަރުގެ މުދާ މަޑުޖެހިފައި ހުރި ކަަމަށް ސައީދު ވިދާޅުވިއެވެ.
ވިޔަފާރިވެރިންނާއި އިމްޕޯޓް ކުރާ ފަރާތްތަކާ އެއްކޮށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން އިމްޕޯޓް ކުރުމުގައި ސްރީލަންކާގައި މަޑުޖެހި ގިނަ ދުވަސްވީމަ ބާޒާރަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރަން ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ. މިވަގުތު ރާއްޖޭގެ މާކެޓްގައި ސަންފްލާވާ އާއި މިލްކް މަދުވަމުން އަންނަ ކަން ފާހަގަވެފައިވާ ކަމަށާއި އެ ދެ ޕްރޮޑަކްޓް ރާއްޖެއަށް ގެނައުން އަވަސްކުރަން ބާޒާރުން ރިކުއެސްޓްކޮށްފައި ވާ ކަމަށް ސައީދު ވިދާޅުވިއެވެ.
އެ ދެ ބާވަތަކީ ރާއްޖެއިން ބާޒާރުގައި ހުރި މުދާތަކުގެ ތެރެއިން މޮނިޓާ ކުރަމުން އަންނަ 164 އަސާސީ ބާވަތުގެތެރޭ ހިމެނޭ ދެބާވަތް ކަމަށް ސައީދު ވިދާޅުވިއެވެ. އަދި މާކެޓުން އެ ބާވަތްތައް ހުސްނުވާކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ، މާކެޓުން އެ ބާވަތްތައް ހުސްވިޔަ ނުދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިހާރުވެސް ވިޔަފާރުވެރިން ވަނީ 80 ކޮންޓެއިނަރެއް އަވަަސްކޮށްދިނުމަށް އެދިފައި ކަމަށް ވެސް ސައީދު ވިދާޅުވިއެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީއާއި ފޮރިން މިނިސްތްރީ ވެސް ގުޅިގެން ސްރީލަންކާއާ އެކު މަޝްވަރާކޮށް މުދާތައް ރާއްޖެއަށް އވަަހަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަން ސައީދު ފާހަގަކުރެއްވިއެވެ.
ރާއްޖެއަށް އެތެރެކުރާ މުދާ ކްލިއާ ކުރުމުގައި ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަން ބައެއް ވިަޔފާރިތަކުން ފާހަގަކުރަމުން އަންނަ އިރު އެ ކަމުގައި ވެސް ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު މިއަދު ވެސް ތަކުރާރު ކުރެއްވިއެވެ. އަދި 2027 ނޮވެމްބަރާ ހަމައަށް ދާއިރު، ތިލަފުށީގައި އެމްޕީއެލްގެ އާ ބަނދަރެއް ގާއިމްކުރަން ނިންމާފައިވާ ކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ، ޕޯޓުން މުދާ ކްލިއާ ކުރުމުގައި ދިމާވާ ގިނަ މައްސަލަތަކަށް އެހިސާބުން ހައްލު ލިބިގެން ދާނެ ކަމަށެވެ.
