ރޯދައާ ދިމާވާއިރު ދިވެހިންގެ ތެރޭގައި އެންމެ ބޮޑު ޑިމާންޑެއް އޮންނަ މޭވާއަކީ ކަރައެވެ. ރޯދައާ ދިމާކޮށް ރާއްޖޭގެ ދަނޑުތަކުގައި ހައްދާ ކަރާ މާރުކޭޓަށް ގެންނަ މި ދަނޑިވަޅުގައި ބާޒާރުގައި ހުރި އަގުތަކަށް ބަލާލާ އިރު ލޯކަލް މާރުކޭޓުގައި ކަރާ ކިލޯއެއް މިއަދު އުޅެނީ 25 ރުފިޔާ އާއި 30 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ.
އާންމުކޮށް ރާއްޖޭގައި ކަރާ ހައްދާ އއ. ތޮއްޑޫ ކައުންސިލުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، މިއަހަރު ރޯދައަށް ކަރާ ދަނޑުތައް ހައްދައި ރޯދަ ފެށޭއިރު ކަރާ ކަނޑައި ބާޒާރަށް ނެރުމަށް ތައްޔާރު ވެގެން ތިބި ކަމަށެވެ. ކޮންމެ އަހަރެއްގައި ވެސް ކަރާ ކަނޑަނީ ރޯދަ ފެށެން އެއް ދުވަހަށް ވީމައެވެ.
މިދިޔަ އަހަރާ އަޅާ ބަލާއިރު މާރުކޭޓަށް ކަރާ ނެރެވޭ މިންވަރު ދަށްވެދާނެ ކަމަށް އެ ކައުންސިލުން ލަފާ ކުރެއެވެ. އެއީ މިދިޔަ އަހަރު ފަހު ކޮޅު ކުރި ވިއްސާރައިގައި ލިބުނު ގެއްލުމާ ގުޅިގެންނެވެ. މި އަހަރުގެ ދަނޑުވެރި ކަމަށް ބަލާއިރު، ކަރާ ދަނޑުތަކަށް ބަލި ޖެހުން މަދުކަން ފާހަގަ ކުރަމުން އެ ކައުންސިލުން ބުނީ، ރޯދައަށް 500 އާއި 600 ޓަނާ ދެމެދުގެ އަދަދަކަށް ކަރާ ނެރެވޭނެ ކަމަށެވެ.
ކަރާގެ އިތުރުން ދެން ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލް އެއް މޭވާ ކަމުގައިވާ ކުރުނބާގެ އަގުތަކަށް ބަލާ އިރު، ލޯކަލް މާރުކޭޓުގައި ކުރުނބައެއްގެ އަގު އުޅެނީ 30 އާއި 25 ރުފިޔާ އާ ދެމެދުގެ އަގެއްގައެވެ. އަދި 1.5 ލީޓަރުގެ ކުރުނބާ ފުޅިއެއްގެ އަގު އުޅެނީ 120 ރުފިޔާއަށެވެ.
ލޯކަލް މާރުކޭޓުން ބައެއް ތަކެތީގެ އަގުތައް މިއަދު ހުރި ގޮތް:
- ގިތެޔޮ މިރުސް ކިލޯއެއް: 25-30 ރުފިޔާއަށް
- ދޮން އަނބު ކިލޯއެއް: 80 ރުފިޔާއަށް
- ފަޅޯ ކިލޯއެއް: 50 ރުފިޔާއަށް
- ފެޝަން ފްރުޓް ކިލޯއެއް: 120 ރުފިޔާއަށް
- ކެރެޓް ކިލޯއެއް: 45 ރުފިޔާއަށް
- ކިއުކަންބާ ކިލޯއެއް: 40 ރުފިޔާއަށް
- ޓޮމާޓޯ ކިލޯއެއް: 30 - 60 ރުފިޔާއަށް
- ލުނބޯ ކިލޯއެއް: 55 ކިލޯއެއް
- ކާށި: 10 ރުފިޔާއަށް
- ކޮޕީ ފަތް ބޮނޑި: 10 ރުފިޔާއަށް
- ލެޓިއުސް ކިލޯއެއް: 80 ރުފިޔާއަށް
- ބަށި ކިލޯއެއް: 70 ރުފިޔާއަށް
- ފޭރު ކިލޯއެއް: 110 ރުފިޔާއަށް
- ފިޔާ ކިލޯއެއް 20 ރުފިޔާއަށް
- ލޮނުމެދު ކިލޯއެއް 120 ރުފިޔާއަށް
- އަލުވި ކިލޯއެއް 25-30 ރުފިޔާއަށް
ލޯކަލް މާރުކޭޓުގައި އަގުތައް މިހެން ހުރި ކަމުގައި ވިޔަސް ބާޒާރު މަތީގެ ބައެއް ފިހާރަތަކުގައި ތަކެތީގެ އަގު މިއަށް ވުރެ ހެޔޮ ކަމަށް ފާހަގަ ކުރެވެއެވެ. އެގޮތުން ފިޔާ ކިލޯއެއް ލޯކަލް މާރުކޭޓުގައި 20 ރުފިޔާއަށް ހުރި ކަމުގައި ވިޔަސް، ބާޒާރުމަތީގެ ބައެއް ފިހާރަތަކުގައި ފިޔާ ކިލޯއެއް 14 ރުފިޔާއަށް، 16 ރުފިޔާއަށް އަދި 18 ރުފިޔާއަށް ލިބެން އެބަ ހުއްޓެވެ.
މި ފިހާރަތަކުން ބުނާ ގޮތުގައި މީގެ ކުރިން ފިޔާގެ އަގުތައް އުފުލިގެން ގޮސްފައި ވަނީ ފިޔާ ލިބުން ދަތިވުމުންނެވެ. މިހާރު އެސްޓީއޯ އިން ފިޔާ ލިބެމުންދާ ކަން ފާހަގަކޮށް އެ ފިހާރަތަކުން ބުނީ، އެސްޓީއޯ އިން ވިއްކާ އަގުތަކާ ގާތް އަގެއްގައި އަގުތައް ހިފެހެއްޓޭނެ ކަމަށެވެ.
ލޯކަލް މާރުކޭޓުގައި 55 އަށް ލުނބޯ ހުރި އިރު ފިހާރަތަކުގައި ލުނބޯ ކިލޯއެއްގެ އަގު އުޅެނީ 45 އަށެވެ. ލޯކަލް މާރުކޭޓުގައި އަލުވި ކިލޯއެއްގެ އަގު 30 އަށް އުޅޭ އިރު ފިހާރަތަކުގައި އަލުވި ކިލޯއެއް އުޅެނީ 18 އަދި 20 ރުފިޔާއަށެވެ. ލޯކަލް މާރުކޭޓުގައި ކާއްޓެއް 10 ރުފިޔާއަށް ވިއްކަމުން އަންނަ އިރު ބައެއް ފިހާރަތަކުގައި ކާށި ވިއްކަނީ 7 ރުފިޔާއަށެވެ.
ރޯދައާ ދިމާކޮށް ބާޒާރުގައި އަގު އުފުލެމުންދާ މައްސަލައަށް ހައްލު ހޯދުމަށް، އަސާސީ ކާބޯތަކެތީގެ އަގުތައް އެއްހަމައެއްގައި ހިފެހެއްޓުމަށް އެސްޓީއޯ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ރޯދައާ ދިމާކޮށް ގެނައި ލުނބޯ، ފިޔާ، އަލުވި، ބިސް އަދި ކާށީގެ ޝިޕްމަންޓްތައް ވަނީ އެސްޓީއޯ އިން ބާޒަރާށް ނެރެފައެވެ.
އެސްޓީއޯ އިން ފިޔާ ކިލޯއެއް 14 ރުފިޔާއަށް ވިއްކާ އިރު އަލުވި ކިލޯއެއް ވިއްކަނީ 18 ރުފިޔާއަށެވެ. 5 ރުފިޔާއަށް ކާއްޓެއް ވިއްކާ އިރު ލުނބޯ ކިލޯއެއްގެ އަގު އުޅެނީ 40 ރުފިޔާއަށެވެ. ވަކިން 2 ރުފިޔާއަށް ބިހެއް ވިއްކާއިރު ކޭހެއްގެ އަގު އުޅެނީ 320 ރުފިޔާއަށެވެ.